
ޙަމަލާތައް ހުއްޓާލުމަށް އެންގުނުފަހުން ވެސް އިޒްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 70 މީހުން ޝަހީދުވެއްޖެ
ގަދަކަމުން ހިސޯރު ކޮށްފައިވާ ޣައްޒާގެ އެކި ހިސާބުތަކަށް އިޒްރާއީލުން މިއަދު ދިން ބޮމުގެ ޙަމަލާތަކުގައި 70 އަށްވުރެ ގިނަ މީހުން ޝަހީދުވެދައިވާ ކަމަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބުނެފި އެވެ.
އިޒްރާއީލުން ހަމަލާތައް ދީފައިމިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެހުރި އެކުލަވާލާފައިވާ 20 މާއްދާގެ ސުލްޙައިގެ މުއާހަދާގެ ބައެއް މާއްދާތަކަށް ޙަމާސްއިން އެއްބަސްވެފައިވާތީ، ހަމަލާތައް ދިނުން ހުއްޓާލުމަށް އިޒްރާއީލަށް ޓްރަމްޕް ގޮވާލާފައިވަނިކޮށް، އެގޮވާލުމާއި ދެކޮޅުހަދާފަ އެވެ.
ބޮމުގެ ޙަމަލާތައް އަމާލަތް އަމާޒުކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި، އިޒްރާއީލުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަނޑަށްޖެހި ހާލުގައި ޖެހިފައިވާ ހިސާބުތައްވެސް ހިމެނެ އެވެ. އަދި އެހިސާބުތަކުން އެކަނިވެސް 45 މީހުން ވަނީ ޝަހީދުވެފަ އެވެ.
ފާއިތުވި ހަފްތެރޭގައި އިޒްރާއީލުން ވަނީ އެހިސާބުތަކަށް އެއްގަމުން ދެމުންދާ ހަމަލާތައް އިތުރުކޮށް، މިލިއަނެއްހާ މީހުން ދެކުނުގެ އެކި ހިސާބުތަކަށް ދިއުމަށް މަޖުބޫރުކޮށްފަ އެވެ.
އެހިސާބުތަކުގައި މިހާރުވެސް ރެފިއުޖީ ކޭމްޕުތަކުގައި، ދަތި ހާލުގައި އެތައްލައްކަ ރައްޔިތުންނެއް ދަނީ ދިރިއުޅެމުންނެވެ. މީގެ އިތުރުން ޣައްޒާގެ ތުއްފާޙް ސިޓީއަށް ދިން ޙަމަލާތަކުގައި އެސަރަހައްދުގެ އިމާރާތްތަކެއް ބިމާއި ހަމަވެ، 18 މީހުން ޝަހީދުވެފައިވާ ކަމަށް ސިއްޙީ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ހަމަލާތަކާއި ބެހޭގޮތުން މަޢުލޫމާތު ދެމުން ޓެލެގްރާމްގައި ހިއްސާކުރެވުނު ބަޔާނެއްގައި ގައްޒާގެ މަދަނީ ދިފާޢީ އިދާރާއިން ބުނެފައިވަނީ، ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 2 މަސްދުވަހާއި 8 އަހަރާ ދެމެދުގެ 7 ކުދިން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ދެކުނު ޣައްޒާގެ އަލްމަވާސީގައި މީހުން ދިރިއުޅޭ ކޭމްޕުތަކަކަށް ދިން ހަމަލާތަކެއްގައި ވެސް 2 ކުޑަކުދިން ޝަހީދުކޮށްލައި، އިތުރު 8 މީހުން ވަނީ ޒަޚަމް ވެފަ އެވެ.
އަލްމަވާސީގެ ކޭމްޕުތަކަކީ ރައްކާތެރި ހިސާބެއްގެ ގޮތުގައި ކަނޑައަލައި، ހަމަލާދެމުންދާ ހިސާބުތައް ދޫކޮށް އެސަރަހައްދަކަށް ދިއުމަށް އިޒްރާއީލުން އަންގާފައިވާ ސަރަހައްދެކެވެ.
އެހެންނަމަވެސް ފާއިތުވި ހަފްތާތަކުގައި އެސަރަހައްދަށް ވެސް އިޒްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ.
އަލްމަވާސީގެ އިތުރުން ނުސޭރަތު ރެފިއުޖީ ކޭމްޕަށް ވެސް ވައިގެމަގުން ހަމަލާތަކެއް ދިފައިވާކަން އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ދެމުންދާ ހަމަލާތައް އިތުރުވެ، ހޮސްޕިޓަލްތައްވެސް މަދުވެފައިވާތީ، ޒަޚަމްވާ މީހުންނަށް ފަރުވާ ދެވޭނެގޮތް ނެތިފައިވާ ކަމަށް ސިއްޚީ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.



