
އެންމެ އަގުބޮޑު މުބާރާތް ޤައުމީ ޤުރްއާން މުބާރާތް
ޤައުމީ ޤުރްއާން މުބާރާތުން 1 ވަނަ ހޯދާ ފަރާތަށް 1 ލައްކަ ރުފިޔާއާއެކު ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދެނީ
ޤައުމީ ޤުރްއާން މުބާރާތުން 1 ވަނަ ހޯދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 1 ލައްކަ ރުފިޔާއާއެކު، ބޭނުން ދާއިރާއަކުން ދުނިޔޭގެ ބޭނުން ގައުމަކުނ1 ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދިނުމަށް ނިންމައިފިއެވެ.
މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އެކަން އިޢުލާނު ކުރައްވާ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
މިޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އިޢުލާނުކޮށްފައިވާނެ ކަމަށާއި، އެއީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި، އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށެވެ.
”މިގޮތުން މިއަހަރުން ފެށިގެން، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މުޅި މުބާރާތުން މި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ މުއައްސަސާއަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުތަކުގެ އިތުރުން، މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ ކަމަށް ރައީސް ވަނީ އެޕޯސްޓުގައި އިއުލާނު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓްރީއިން ދެއްވާ އިނާމުތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެކަމަށް އެމަނިކުފާނު ވަނީ ބުނުއްވާފައެވެ.
ކޮންމެ އަހަރަކު ބާއްވާ ގައުމީ ޤުރުއާން މުބާރަތުން ވަނަވަނައަށްދާ ކުދިންނަށް ދޭ އިނާމު، މުނިފޫހި ފިލުވުމުގެ މުބާރާތްތަކުން ވަނަވަނައަށްދާ ފަރާތްތަކަށް ދެވޭ އިނާމާއި އަޅާ ބަލާއިރު ކުޑަކަން އެއީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން އާންމުންގެވެސް ވަރަށްބޮޑު ޝަކުވާއެކެވެ. މިއަދު މިގެނެވުނު ބަދަލާއެކު، ރީތިކޮށް ޤުރުއާން ކިޔެވުމަށް އަދި މުބާރާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރި ވުމަށް ހިތްވަރު ލިބުން އެއީ ކުރެވޭ އުންމީދެކެވެ.



