
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެ މީހަކު މަރުވި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުފައިފި
ލ. ކައްދޫގައި ކަފިހި ހުރަސްމަތިން މަގުހުރަސްކުރި ދެމީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި، ފާއިތުވި އޮގަސްޓު 15 ވަނަދުވަހު ހިނގި މި އެކްސިޑެންޓުގައި ދައުވާ ކުރުމަށް ހުށަހަޅާފައި ވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ.
މި މައްސަލައާއި ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވަ ގޮތުގައި ހައްޔަރުކޮށްފައިވާ ނައުޝާންއަކީ މީގެކުރިންވެސް ޓްރެފިކް ޤަވާއިދުތަކާއި ޚިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާ ކޮށްފައިވާ މީހެކެވެ.
އަދި މީނާއަކީ އެއްގަމު އުޅަންދު ދުއްވުމުގެ ލައިސަންސްވެސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސައިކަލުން ދެމީހެއްގެ ގައިގައި ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.
މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުފޮނުވުމުން، މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހު އެވެ.



