
ތ. ގާދިއްފުށި ބަނދަރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ތ. ގާދިއްފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރުއެވެ.
މި ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި ގާދިއްފުށި ކައުންސިލްގެ ރައީސް ޢަބްދުالله ނަސީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ގާދިއްފުށީ ބަނދަރު ބޮޑުކުރެވިގެންދާނެއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 85,788,143.28 ރުފިޔާއެވެ. މަސައްކަތްތައް ނިމި ބަނދަރު ބޮޑުވެ ތަރައްގީވުމުން ރަށުގެ ރައްޔިތުންނަށާއި، މަސްވެރިކަން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމާއި، 318 މީޓަރުގެ އެލް-ބްލޮކް ޖައްސައި ބަނދަރު އެއްގަމުތޮށި ހެދުމާއި، 227 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 289 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް އަދި 252 މީޓަރުގެ އެލް ބްލޮކްސް ޖައްސައި ސޭންޑް ފިލްޑް ބްރޭކްވޯޓަރ ހެދުމާއި، 145 މީޓަރުގެ ބޮޑުހިލައިގެ ޗެނަލް ބްރޭކްވޯޓަރ ޖެހުން ވެސް މި މަޝްރޫޢުގެ ދަށުން ކުރެވޭނެއެވެ.
އަދި 20×3 މީޓަރުގެ ޖެޓީއެއް ހެދުމާއި، 9 މީޓަރުގެ ބޮޑުހިލައިގެ ސަބްމާޖްޑް ބްރޭކްވޯޓަރ ޖެހުން، 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން، އަދި 1،365 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް އެޅުން ވެސް ހިމެނެ އެވެ.
މި މަޝްރޫޢަކީ ރައްޔިތުންނަށް ދިމާވާ ދަތުރުފަތުރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ގާދިއްފުށީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.



