
ފަލަސްތީން ދިދަ ރަމްޒުކޮށްދޭ ހެދުމެއްގައި ހުރުމުން މެމްބަރަކު މަޖިލިސްކުރާ ގެއިން ބޭރުކޮށްފި
ފަލަސްތީން ދިދަ ހިމެނޭ ހެދުމެއްގައި ހުރުމުން މެމްބަރަކު މަޖިލިސްކުރާ ގެއިން ބޭރުކޮށްފި
ފަލަސްތީންގެ ދިދަ ރަމްޒުކޮށްދޭ ބްލައުސްއެއް ތުރުކުރައްވައިގެން ޖަލްސާއަށް ހާޒިރުވުމުން ނެދަލެންޑުގެ ޕާލަމަންޓް މެމްބަރަކު ލައިގެން ހުރި ފޭރާން ބަދަލުކޮށްގެން އައުމަށް އަމުރުކޮށް މަޖިލިސްކުރާ ގެއިން ބޭރުކޮށްފިއެވެ.
ނެދަލެންޑުގެ ހޭގްގައި މިސެޕްޓެމްބަރު 18 ވަނަ ދުވަހު އެގައުމުގެ ބަޖެޓާމެދު ބަހުސްކުރުމަށް ބޭއްވި ޖަލްސާއަށް ”ލީޑަރ ޕާޓީ ފޯ އެނިމަލްސް“ގެ މެމްބަރު އެސްތަރ އޯވްހެންޑް، ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ބްލައުސްއެއް ތުރުކުރައްވައިގެން ހާޒިރުވުމުން، އެކަމާ މަޖިލީހުގެ އެތައް މެމްބަރުންނެއް ނުރުހުން ފާޅުކޮށް ވާހަކަ ދެއްކިއެވެ.
އަދި ބްލައުސް ބަދަލުކޮށްގެން ޖަލްސާއަށް ހާޒިރުވުމަށް އެންގުމުން ރައްދެއްގެ ގޮތުން ”ބްލައުސް ބަދަލުނުކޮށް ޖަލްސާގައި ބައިވެރިވެ ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް“ އެސްތަރ އެދިލެއްވިއެވެ. ނަމަވެސް ތުރުކުރައްވައިގެން ހުންނެވި ބްލައުސް ބަދަލު ކުރުމަށް ތަކުރާރުކޮށް މަޖިލީހުގެ ރައީސް އަމުރުކޮށް މަޖިލީހުގެ ސްޕީކަރ މާޓިން ބޮސްނަރ ބުނެފައިވަނީ، ދިދަ ރަމްޒުކޮށްދޭ ފޭރާމެއް ތުރުކުރައްވައިގެން ޖަލްސާގައި ބައިވެރި ވުމަކީ އެކަމާ ދެކޮޅުހަދާ ކަމެއް ކަމަށާއި، އެހެން ފޭރާމަކަށް ވަގުތުން ބަދަލު ކުރުމަށް އެންގިއެވެ.
ރައްދެއްގެ ގޮތުން މަޖިލީހުގެ ގަވައިދުތައް ކިޔާފައިވާ ކަމަށާއި، އެގަވާއިދުގައި ރަތް، ފެހި، ހުދި އަދި ކަޅު ހިމެނޭ ފޭރާމެއްގައި ބަހުސްގައި ބައިވެރި ނުވެވޭނެ ކަމަށް އެއްވެސް މާއްދާއެއްގައި ބުނެފައިނުވާ ކަމަށް އެސްތަރ ބުނުއްވިއެވެ.
ނަމަވެސް ޕާލަމަންޓް އޮންނަންވާނީ ވަކިކޮޅަކަށް ނުޖެހި ކަމަށާއި، ސިޔާސީ ވަކި ފިކުރެއް ރަމްޒުކޮށްދޭ ފޭރާމެއް ތުރުކުރެއްވުމަކީ ވަކިކޮޅަކަށް ނުޖެހި އޮންނަ އޮތުމަށް ބުރުއަރާނެ ކަމެއްކަމަށް ބުނުމުން، ފަލަސްތީން ދިދަ ރަމްޒުކޮށްދޭ ބްލައުސް ބަދަލުކޮށް، ދެން ތުރުކުރައްވައިގެން ވަޑައިންނެވީ ފަލަސްތީން ރައްޔިތުންގެ ހިތްވަރާއި ޖެހިލުން ކުޑަކަމުގެ ނިޝާނެއްގެ ގޮތުގައި ބޭނުންކުރާ ކަރާ(ވޯޓަރމެލަން) ރަމްޒުކޮށްދޭ ބްލައުސްއެކެވެ.
އެސްތަރގެ މި ހިމޭން އިޙްތިޖާޖް އަދި ފަލަސްތީންއަށް ކުރާ ސަޕޯޓު ފެނި ޕާލަމަންޓް މެންބަރުން ރުޅިގަދަވެ އެކަމާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. އަދި ސިޔާސީ ވަކި ފިކުރަކަށް ބުރަވާ އެއްވެސް ސްޓޭޓްމަންޓެއް ޖަލްސާގައި ރަމްޒު ނުކުރުމަށް އެންގިއެވެ.
އެސްތަރ އަކީ ނެދަލެންޑު ސަރުކާރުގައި އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުއާއި ދެކޮޅަށް ފާޅުގައި ނުރުހުންވެ ވާހަކަ ދައްކަވައި މަދު ޕޮލިޓިޝަނުންގެ ތެރެއިން އެކަކެވެ. ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަދި އިޒްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި ދެކޮޅަށް އެކަމަނާވަނީ އާންމު ފޯރަމްތަކުގައި އެތައްފަހަރަކު ގޮވާލާފަ އެވެ.



