
ހީވާގި ކަނބަލުންގެ ނަމުގައި މަޢުރަޒެއް ބާއްވަނީ
ހީވާގި ކަނބަލުންގެ ނަމުގައި މުޅީ ރާއްޖެއަށް ހުޅުވާލައިގެން ދިވެހި އަންހެނުންގެ މަސައްކަތާއި ހުނަރު ދައްކުވާދޭ މަޢުރަޒެއް ބާއްވަން ނިންމަވައިފިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން ބާއްވާ މި މަޢުރަޒުގައި އަންހެނުންގެ ކޮމިޓީތަކަށާއި އަންހެނުން ހިއްސާވާ ކްލަބް ޖަމްޢިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މެޑަމް ފާތުންގެ އޮފީހުން ބުނީ އަންނަ މަހު ދެވަނަ ހަފްތާ ތެރޭގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އެ މަޢުރަޒުގައި އަންހެނުންގެ މަސައްކަތް ދައްކުވައިދޭ ތަކެތި ބައިވެރިކުރުމާއި ވިއްކުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށެވެ.
އަދި ވަކި ވަކި ބާވަތްތަކުގެ ވަނަތައް ގިންތިތަކަކަށް ބަހާލައިގެން ހޮވާ އެއްވަނައަށް ދާ އަންހެނުންގެ ކޮމިޓީވެސް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޢުރަޒުގައި ބޭނުން ކުރެވޭނީ ރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރ އާއި ކަސަބުން އުފައްދާ ތަކެއްޗާއި އަތްތެރިމަސައްކަތްތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުން ކަމަށެވެ.
އަދި ޑިޖިޓަލް އާޓް އާއި ފެހުމުގެ އުފެއްދުމާއި ދިވެހި ރަހަތަކާއި ފޮޓޯގްރަފީވެސް ބައިވެރިކުރެވޭނެ ކަމަށް މެޑަމް ފާތުންގެ އޮފީހުން ބުނެއެވެ.



