
މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ގެ ދުވަހާއި ގުޅިގެން ޕޮލިސް ކޮމިޝަނަރ ޚާއްސަ މެސެޖެއް ދެއްވައިފި
މޯލްޑިވްސް ވިމަން އިން ޕޮލިސިންގގެ ދުވަހާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާ ކަނބަލުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ހާއްސަ މެސެޖެއް ދެއްވައިފި އެވެ.
ކަނބަލުން ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވާ މަސައްކަތް ފާހަގަކުރައްވާ އެޚިދުމަތުގެ މީޑިއާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރަމުންދާ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހު، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށާއި، އެކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އެމުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރާ ކަމަށެވެ.
”އަޅުގަނޑުމެން އަޅުގަނޑުމެން މިއަދު ފާހަގަކުރަމުންދާ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހު، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ. އެކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އަޅުގަނޑުމެންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރެއެވެ.“ ކޮމިޝަނަރ އޮފް ޕޮލިސް
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައި ވެސް ކަނބަލުން މުހިއްމު ދައުރެއް އަދާކުރާއިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕްއާއި ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިކަމުގައިވިޔަސް އެކަން ފެނިގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ހަމައެއާއެކު، އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އެހިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެޚިދުމަތުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއް ކަމަށް ވެސް ކޮމިޝަނަރގެ މެސެޖުގައި ބުނެފައިވެ އެވެ.
ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމާއި އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައުކުރައްވާކަން ފާޅުކުރައްވައި ކޮމިޝަނަރ އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ހިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށްކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށެވެ.



