
އެމްއެންޑީއެފް އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް 2 އުޅަނދު ގެނެސްފި
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 3 އުޅަނދެއް ގެނެސްފިއެވެ.
މިއީ ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ބޭނުންކުރުމަށް ބަންނަމުންދާ ފަސް އިންޓަރސެޕްޓަރ ކްރާފްޓްގެ ދެ އުޅަނދެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނައި މި ދެ އުޅަނދަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ސްރީލަންކާގެ ސޯލަރސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން ބަނުމަށް ހަމަޖެހިފައިވާ ފަސް އިންޓަރސެޕްޓަރ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ދެ އުޅަނދެވެ.
މިއެއްބަސްވުމުގެ ދަށުން ސޯލަރސް މެރިން ލަންކާ ކުންފުނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް 15 މަސް ދުވަހުގެ ތެރޭގައި 5 އިންޓަރސެޕްޓަރ ކްރާފްޓް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް ގެންނަ އިންޓަރސެޕްޓަރ ކްރާފްޓް އުޅަނދުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންކަމުގައެވެ.
އަދި މިއުޅަނދުތަކަކީ ކަނޑުމަތީގެ ޚާއްޞަ އޮޕަރޭޝަންތަކާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދުތަކަކަށްވާ އިރު، ބާކީ ތިން އުޅަނދު މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.



