
ރެފިއުޖީންތަކަކާއެކު ދަތުރުކުރި އުޅަނދެއްގައި ރޯވެ 50 މީހުން މަރުވެއްޖެ
ރެފިއުޖީންތަކަކާއެކު ދަތުރުކުރި އުޅަނދެއްގައި އަލިފާންރޯވެ ފަންސާހެއްހާ މީހުން މަރުވެއްޖެ އެވެ.
ހިޖްރަކުރުމާއިބެހޭ ބައިނަލްއަޤްވާމީ އިދާރާ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) އިން ހާމަކޮށްދައިވާ ގޮތުގައި، ރޯވެފައިވަނީ ފާއިތުވި އާދީއްތަދުވަހު ސޫދާންގެ ރެފިއުޖީންތަކަކާއެކު ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް މެޑިޓެރޭނިއަން ކަނޑުން ދަތުރުކުރި އުޅަނދެއްގައެވެ. އަދި މިހާދިސާއިން ސަލާމަތްވި 24 މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެކުވެރި ދައުލަތް (ޔޫއެން) ގެ މައިގްރޭޝަން އެޖެންސީއިން ވެސް ބުނެފައިވެ އެވެ.
އަދި ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތައް ދިމާވިޔަނުދިނުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ވެސް އައިއޯއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ހަނގުރާމައާއި ބަނޑުހައިހޫނުކަން ފަދަ މުސީބާތްތަކުން ސަލާމަތްވެ ރައްކާތެރި ހިސާބުތަކަށް ރެފިއުޖީންގެ ގޮތުގައި ކަނޑުމަގުން ދަތުރުކުރާ އުޅަނދުތަކަށް ކަނޑުމަތީގެ ނުރައްކާތެރި އެތައް ހާދިސާތަކަކާއި މީގެކުރިންވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ. ފާއިތުވި މަހު ރެފިއުޖީންގެ ބޯޓެއް ޔަމަން އައްސޭރީގެ ބޭރުން ބަންޑުންޖަހާލައި 68 މީހުން ވަނީ ކަނޑުވެގެން މަރުވެފައެވެ.
އަދި ފާއިތުވި އަހަރު އެކަނިވެސް މެޑިޓެރޭނިއަން ކަނޑުގައި ދަތުރުކުރި 2453 ރެފިއުޖީން މިފަދަ އެކި ހާދިސާތަކުގައި މަރުވެ، ގެއްލިފައިވާ ކަމަށް އައިއޯއެމް އިން ހާމަކޮށްފައިވެ އެވެ.



