
އެމް އެން ޔޫގެ ދަރިވަރުންނަށް ފޮރެންސިކް ސައިންސް ސެޝަނެއް ކުރިއަށް ގެންގޮސްފި
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ދަރިވަރުން ތެރެއިން ބަޔޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް ފޮރެންސިކް ސައިންސްގެ މައޫލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގޮސްފައިވެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި މައޫލޫމާތު ދެއްވީ ފޮރެންސިކް ޕެތޮލޮޖިސްޓް ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރު އަދި މި ޚިދުމަތުގެ ޑީ.އެން.އޭ ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ ފޮރެންސިކް ޑީ.އެން.އޭ އެނަލިސްޓުންނެވެ.
މި ސެޝަންގައި، އިންސާނާ މަރުވުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާ އަދި މަރުވެފައިވާ ވަގުތު ދެނެގަނެވޭނެ ގޮތްތައް ޑރ. ހަސަން އުމަރު ކިޔައިދެއްވި އެވެ.
މީގެ އިތުރުން ފޮރެންސިކް ހިޔުމަން އައިޑެންޓިފިކޭޝަންގެ ދާއިރާއިން ޑީ.އެން.އޭ ތަހުލީލުކޮށްގެން އިންސާނުން ދެނެގަންނަގޮތާއި، ޑީ.އެން.އޭ ތަހުލީލުކުރުމަށް ބޭނުންކުރާ މެޝިންތަކާއި ރިއޭޖެންޓް ކިޓުތައް އަދި ލެބޯޓަރީގައި ވޯކް ފްލޯއާއި ޕްރިންސިޕަލްތައް، މި މަސައްކަތުގައި ހަރަކާތްތެރިވާ އެނަލިސްޓުން ކިޔައިދެއްވި އެވެ.
އަދި މި ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ވެސް ފޯރުކޮށްދީފައިވެއެވެ. މިސެޝަންގައި މައުލޫމާތު ދެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ޝުކުރު ދެންނެވުމުގެ ގޮތުން އެ ފަރާތްތަކަށް އެމް.އެން.ޔޫއިން ހަނދާނީ ލިޔުން ދީފައިވެ އެވެ.