
ނަގޫރޯޅިއެއް އަރައި އައްޑޫ މަރަދޫފޭދޫގެ ގެތަކަކަށް ގެއްލުންވެއްޖެ
އައްޑުސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެރި ނަގޫރޯޅީގައި މަރަދޫފޭދޫގެ ބައެއް ގެތަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ”މިއަދު އައްޑޫ ސިޓީގެ މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ގެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެމްއެންޑީއެފްއިން ކުރަމުންދާ“ ކަމަށެވެ.
މިހާދިސާގެ މަޢުލޫމާތު ހާމަކުރަމުން އެމްއެންޑީއެފްއިން ބުނެފައިވަނީ، މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ 6 ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ 6 ގޭގެ ފުރާޅު އެއްލާލުމާއި ގުޅިގެން، ޓިނުތައް މަގުމަތިން ނަގައި މީހަކަށް ނުވަތަ ދުއްވާ އެއްޗަކަށް ގެއްލުމެއް ނުލިބޭނެގޮތަށް އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެ އެވެ.