
މަސްތުވާ ތަކެތީގެ މައްސަލައެއްގައި ބަޔަކު ހައްޔަރު ކޮށްފި
މަސްތުވާ ތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލާ ފާސްކޮށް، އެގެއިން ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާގެ ފަރާތުން އާންމުކޮށްފައިވަނީ، މިމީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
މިއޮޕަރޭޝަންގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަޙްނަފް އަޝްރަފް (27އ) ގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާއިރު، މިމައްސަލައިގައި
ދެން ހައްޔަރުކުރި މީހާ ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާފަންނު ގެ އެއް ބަލައިފާސްކުރިއިރު 304.73 ގުރާމް (ވަގުތީ ބަރުދަން) ގެ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މީގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމަށް އެފަރާތުން ބުނެފައިވެ އެވެ.



