
އޮގަސްޓް މަހުގައި ވޭޕް ޖޫރިމަނާއަށް -/150،000 ރ
ފާއިތުވި އޮގަސްޓް 1 އިން 31 އަށް ވޭޕްގެ އެކި މައްސަލަތަކުގެ ޖޫރިމަނާއަށް -/150،000 ރ ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފި އެވެ.
އެއިދާރާއިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި، ފާއިތުވި އޮގަސްޓްމަސް ތެރޭގައި ވޭޕްއާއި ގުޅުންހުރި 11 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެއީ ވޭޕް/ އީސިގަރެޓް ގެންގުޅޭކަމުގެ 4 މައްސަލައަކާއި ވޭޕް/ އީސިގަރެޓް ބޭނުންކުރާ ކަމުގެ 4 މައްސަލަ، އަދި ވޭޕް/ އީސިގަރެޓްއާއި ގުޅުންހުރި އެހެނިހެން 3 މައްސަލައެކެވެ.
އަދި ވޭޕްއާއި ގުޅުންހުރި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އެޚިދުމަތުން މީޑިއާއަށް ނެރެފައިވާ ހިސާބުތަކުން ދައްކައެވެ. އެގޮތުން ވޭޕް ގެންގުޅޭ ކަމުގެ ތުހުމަތުގައި 16 ފަރާތެއް ޖުމްލަ -/65،000ރ އިން ޖޫރިމަނާ ކޮށްފައިވާއިރު ވޭޕް ބޭނުން ކޮށްގެން 14 ފަރާތެއް ޖުމްލަ -/85،000 އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކޮށްފައިވެ އެވެ.
ތިމާގެ ދުޅަހެޔޮ ސިއްޙަތާށާއި މުޖުތަމަޢުގެ ރައްކާތެރިކަމާއި ލާބައަށް ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވައި، ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފަރުވާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.