
ރާއްޖެއާއި ޗައިނާގެ އިޤުތިޞާދީ ގުޅުން ދަނީ އިތުރަށް ބަދަހިވަމުން: ވަޒީރު ސަޢީދު
ދިވެހިރާއްޖެއާއި ޗައިނާގެ އިޤުތިޞާދީ ގުޅުމަކީ ޒަމާނުއްސުރެ ހީނަރުކަމެއް ނައިސް އިތުރަށް ބަދަހިވަމުންދާ ގުޅުމެއް ކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދާދި ފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުމަކީ، ބަދަލުވަމުންދާ އިޤުތިޞާދީ މަސްރަހުގެ ތެރޭގައި، ރާއްޖެއާއި ޗައިނާއިން ދެމެހެއްޓެނިވި ތަރައްޤީއާއި، އެކުގައި ކުރިއަރައިގެން ދިއުމުގެ ފުރުޞަތުތައް ފަހިކުރުމަށް ކުރައްވާ މަސައްކަތުގެ ޔަޤީންކަން އާކޮށްދޭ ކަމެއް ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެ ޕޯސްޓުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.
މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭހެން، އެއްބާރުލުން ދެއްވާ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައިވެ އެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ”ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024 -2028)“ ގެ ދަށުން، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށްވެސް ދެ ޤައުމުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރައްވައި، ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.