
މިނިސްޓަރ ޠާރިޤް އޭޝިއާ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގެ ނާއިބު ރައީސްކަމަށް
ތިމާވެށީގެ ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، އޭޝިއާ ޕެސިފިކްގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ހަވަނަ ސެޝަންގެ މިނިސްޓީރިއަލް ސެގްމެންޓްގެ ބިއުރޯގެ ނާއިބު ރައީސްކަމަށް އިންތިޚާބުކުރައްވައިފި އެވެ.
މި މަޤާމަށް މިނިސްޓަރ ޠާރިޤް އިބްރާހީމް އިންތިޚާބުވެފައިވަނީ، މި ސަރަޙައްދުގެ ޤައުމުތަކުން ވޯޓުދީގެންނެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ މަސްރަޙުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ގަދަރެއް ކަމަށް ބެލެވެ އެވެ.
އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ މި ފޯރަމަކީ، ސަރަޙައްދީ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިއްމު މަންސައެކެވެ. މި ފޯރަމްގެ ބިއުރޯގެ ނާއިބު ރައީސްކަމުގެ މަޤާމު ރާއްޖެއަށް ލިބުމަކީ، މި ސަރަޙައްދުގައި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.