
އިޒްރާއީލުން ޔަމަނަށް ހަމަލާ ދޭން ފަށައިފި
ޔަމަންގެ ވެރިރަށް ސަނާއަށް އިޒްރާއީލުން ބާރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ. ހަމަލާދޭން ފަށާފައިވާކަން ޔަމަން އަދި އިޒްރާއީލްގެ މީޑިއާތަކުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޣައްޒާއާއި ދެކޮޅަށް އަނިޔާވެރިކަން ދެއްކުމުގެ ސަބަބުން މަސްރަޙު ހޫނުވެފައިވާ މިދަނޑިވަޅުގައި ޔަމަނަށް ހަމަލާދޭން ފަށާފައިމިވަނީ، ހޫތީން ދިން މިސައިލް ހަމަލާތަކެއްގެ ރައްދުގައި ކަމަށް ބުނެ އެވެ.
އިޒްރާއީލުން ހަމަލާ ދީފައިވަނީ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި ހަކަތަ ޕްލާންޓަކަށް ކަމަށް ހޫރީންގެ މަސްލަހަތު އޮންނަ މީޑީއާއެއް ކަމަށްވާ އަލް މަސީރާއިން ބުނެފައިވާއިރު، އަސްކަރީ އިމާރާތެއް ކަމަށް ބުނެ ވެރިރަށް ސަނާގައި ހުންނަ ރައީސްގެ ގެކޮޅަށް ވެސް ހަމަލާދީފައިވާ ކަމަށް އިޒްރާއީލްގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިކަން ޔަމަނުން ކަށަވަރުކޮށްދީފައެއްނުވެ އެވެ.
އަލް މަސީރާ ޓީވީއިން ބުނާގޮތުގައި މި ހަމަލާތަކުގައި 2 މީހުން މަރުވެ މަދުވެގެން 35 މީހުން ޒަކަމްވެފައިވެއެވެ.
އިޒްރާއީލުން ޔަމަނަށް ހަމަލާ ދީފައިމިވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޕްރެޝަރ ކުރުމަށް ކަމަށް ބުނެ ހޫތީން އިޒްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާލިތާ 2 ދުވަސް ފަހުންނެވެ. ހޫތީންނާއި ހަވާލާދީ އަލް މަސީރާ ޓީވީއިން ބުނެފައިވަނީ، އިޒްރާއީލުން ފޮނުވާލި ގިނަ ވައިގެ ހަމަލާތަކެއް ދިފާއުކޮށް، ހަމަލާދޭ އުޅަނދުތައް ބިރުދައްކައި އަނބުރާ ފޮނުވާލުމުގައި އެމީހުން ކާމިޔާބު ހޯދާފައިވާ ކަމަށެވެ. އަދި މިހެންދޭ ހަމަލާއަކުން ފަލަސްތީނު މުސްލިމުންގެ ހައްޤުގައި ޤުރުބާންވެ، އިޒްރާއީލަށްދޭ ހަމަލާތައް ނުހުއްޓާނެ ކަމުގައިވެސް ހޫތީންގެ އޮފިޝަލް މުޙައްމަދު އަލް ބުކައިތީ ވަނީ ބުނެފަ އެވެ.
އަދި އިޒްރާއީލުން ހަމަލާދީފައިވަނީ މިލިޓަރީ ޓާގެޓުތަކަށް ކަމަށްބުނެ އެމީހުން ހަދާފައިވަނީ ދޮގު ކަމަށާއި، ހަމަލާތައް އަމާޒުކޮށްފައިވަނީ ރައްޔިތުން ދިރިއުޅޭ ހިސާބުތަކަށް ކަމަށްވެސް ހޫތީ ދިފާއީ ވުޒާރާގެ ފަރާތުން އާބިދު އައްޘައުރު ބުނެފައިވެ އެވެ.



