
ބައްޕައެއްގެ ލޯބީގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރުވި މަންމައިންނަށް އެންމެ ކަމުދާ ފަރުވާ
ކުޑައިރުގެ ހަނދާންތަކަށް ވިސްނާލާއިރު ބަލިވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ މަންމަ ދޭ ފަރުވާއަކަށް ހަނދާނަށް އަންނަނީ ކޮންއެއްޗެއްތޯ؟
ބޮލުގައި ރިއްސާލިޔަސް، ރޯގާ ޖެހުނަސް، ކުޅެން އުޅެގެން ތަނަކަށް ތަދުވިޔަސް ނޫނީ ދުވަހުގެ ބުރަ މަސައްކަތަށްފަހު އަރާމުކޮށްލަން އިށީނުމުން އަރިކަށްޓަށް އަރާ ތަދު އިހުސާސްވުމުންވެސް، މަންމަ އެންމެ ފުރަތަމަ ނަގަނީ ވިލު ނޫކުލައިގެ މަތިގަނޑެއް ޖަހާފައިހުންނަ ގަދަ ނޫކުލައިގެ ވިކްސް ވޭޕަރަބް ބާމުފުޅި…….އެހެންނޫންތޯ!
ވިކްސް ވޭޕަރަބް ވެފައިވަނީ ކޮންމެ ގެއެއްގެވެސް ކޮންމެ މަންމައެއް ދޭ އެންމެ ފުރަތަމަ ފަރުވާއަށެވެ. ވިކްސް ވޭޕަރަބް ބާމުފުޅިއެއް އެނދުކައިރީގައި ނުވަތަ ޝެލްފްމަތީގައި އަބަދުވެސް ނެތް ގެއެއް ހުންނާނެއޭ ދަންނަވަން ދައްޗެވެ. ޤަރުނަކަށްވުރެ ގިނަދުވަސް ވެފައިވާ މިފަރުވާ އެހާވެސް މަޤުބޫލެވެ.
ވިކްސް ބާމަކީ ކޮންމެ މަންމައެއްގެ އެންމެ މަޤުބޫލު ފަރުވާކަމުގައިވި ނަމަވެސް ދަންނަވަންތޯއެވެ! މިއީ ބައްޕައަކު އޭނާގެ ދަރިފުޅުދެކެ ވި އިންތިހާ ލޯބީގެ ސަބަބުން އުފެދުނު ފަރުވާއެކެވެ.
އެމެރިކާގެ ނޯތު ކެރޮލީނާގައި 1894 ވަނަ އަހަރުގެ ތެރޭގައި ބަލިމަޑުކަމެއް ފެތުރުނެވެ. މިބަލިމަޑުކަމުގެ ތެރޭގައި ލަންސްފޯޑް ރިޗަޑްސަން ނަމަކަށްކިޔާ ފާމަސިސްޓެއްގެ 9 އަހަރުގެ ފިރިހެންދަރިފުޅު ވަރަށް ބޮޑަށް ބަލިވެ، ނޭވާލާން އުނދަގޫވިއެވެ. އޭނާއަށް ޖެހުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ކޫޕްއެވެ. މިބަލީގައި ނޭވާލާ ނިޒާމުގައި ޖަރާސީމް އުފެދި، ނޭވާލާން އުނދަގޫވެއެވެ. އަދި ބާރަށް ކެއްސައެވެ.
ދަރިފުޅު ރަނގަޅު ކުރެވޭތޯ އެކި ފަރުވާ ދީގެންވެސް އެއްގޮތެއްވެސް ނުވެ މާޔޫސްވިއެވެ. އެންމެފަހުން އެކިކަހަލަ ފަތްޕިލާވެލިން ތެޔޮ އުފައްދައި، އެތެޔޮ އެއްކޮށްގެން އާވިއަރާ ބޭހެއް ހެދިއެވެ. މިބޭސް ހަދާފައިވަނީ މެންތޮލް، ކަމްފޯރ އަދި ޔުކަލިޕްޓަސްގެ އިތުރުން އާވި ތެޔޮ ފަދަ ތަކެތި ޕެޓްރޯލިއަމް ޖެލީއާއި އެއްކޮށްގެންނެވެ. އަދި އެބޭސް ހޭކުމުން ދަރިފުޅަށް ނޭވާލާން ފަސޭހަވެ، ކެއްސުން ރަނގަޅުވިއެވެ.
ދަރިފުޅުގެ ބައްޔަށް ފަރުވާ ހޯދުމުގައި ކާމިޔާބު ވުމުން ދެން ރިޗަޑްސަން ނިންމީ މިބޭސް ވިއްކުމަށެވެ. އެގޮތުން 25 ސެންޓަށް ފުޅިއެއްގެ ރޭޓުން ބޭސް ވިއްކަން ފަށައި، އާމްދަނީ ހޯދަންފެށިއެވެ.
އެންމެފުރަތަމަ މިބާމަށް ކިޔަނީ ”ވިކްސް ކްރޫޕް އެންޑް ނިއުމޯނިއާ ސާލްވް“އެވެ. ނަމަވެސް އޭގެ 17 އަހަރު ފަހުން 1911 ގައި ރިޗަޑްސަންގެ ދަރިފުޅު ހެންރީ ސްމިތު ވިކްސް ވޭޕަރަބްއަށް އެނަންދީ، ރީބްރޭންޑްކޮށް ފުޅާދާއިރާއެއްގައި މުޅިދުނިޔެއަށް ވިއްކަންފެށިއެވެ. ހެންރިއަކީ އެދަރިފުޅަށްޓަކައި ރިޗަޑްސަން ބޭސްއުފެއްދި ދަރިފުޅެވެ.
ކޮންމެއަކަސް ކޮންމެ ގެއެއްގައި ވަރަށް އާންމުކޮށް ބޭނުންކުރަމުންދާ ވިކްސް ވޭޕަރަބް ވެފައިމިވަނީ ބައްޕައެއް އޭނާގެ ދަރިފުޅުދެކެ ވި ލޯބި ރަމްޒުކޮށްދޭ ވަރަށް ވަރުގަދަ ހެއްކަކަށެވެ.



