
ަޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި އެވެ.
ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދިދަނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމެވެ.
ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމަވާލައްވާފައި ވަނީ ޤައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ޤައުމީ ސަލާމް ކުޅުމާއެކުގަ އެވެ.
ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުނެވެ.



