
ރައީސުލްޖުމްހޫރިއްޔާ، މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ސްކޫލްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މާޅޮހު ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމާއި މިހާރު ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ މަތިކޮށް، އަދި އިންޖީނުގެ ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާކަން ހިމެނެ އެވެ. އަދި މާޅޮހުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުންދާއިރު ލޭންޑް ޔޫސް ޕްލޭންގައިވެސް އެކަމަށް ޖާގަ ދެވޭނެކަމަށާއި، އެހެންކަމުން ފަތުރުވެރިންނަށް ހާއްސަ ބީޗެއް ތަރައްޤީ ކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ޒުވާނުންނަށް، ކުޅިވަރުގެ ވަޞީލަތްތައް ތަރައްގީކޮށްދިނުމަށް ސަރުކާރުން މާޅޮހުގައި ކުރައްވަމުންގެންދަވާ މަސައްކަތްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގެ ފުޓްބޯޅަ ދަނޑުގެ އެންމެހާ މަސައްކަތް އެކުގައި ނިންމޭނެހެން ކުރިއަށްގެންދަވަން ކައުންސިލުން އެދިވަޑައިގެންނެވި އެވެ. ރަށުގެ ތައުލީމު ކުރިއެރުވުމަށް، އުމުރާނީ ތަރައްޤީގެ އެއްވެސް ކުރިއެރުމެއް ނުލިބޭތާ 15 އަހަރު ފާއިތުވެފައިވާ ކަމަށާއި މިކަމަށް ބަދަލެއް އަންނާނެކަމަށް އުންމީދުކުރައްވާކަން ކައުންސިލްގެ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި އެވެ.
އެގޮތުން ސްކޫލްގައި މިވަގުތަށް އެންމެ ދަތިވާ ކަމަކީ މަލްޓިޕަރޕަސް ހޯލެއް ނެތުންކަމަށާއި މީގެއިތުރުން ސްކޫލްގެ ސަޓާފްރޫމްގެ ދަތިކަމާއި އޮފީސް އިމާރާތެއް ބޭނުންވާކަންވެސް އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފަ އެވެ.



