
އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންގެ ޔުނީފޯމް ބަދަލުކޮށްފި
އެއާޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފިޝަރުން ބޭނުންކުރާ ޔުނީފޯމް ބަދަލުކޮށްފި އެވެ.
ރާއްޖޭގެ އެއާޕޯޓުތަކުގައި ސަލާމަތީ ކަންތައްތަށް ބެލެހެއްޓުމުގައި މަސައްކަތް ކުރަމުން އަންނަ
އެވިއޭޝަން ސެކިއުރިޓީ އޮފިޝަރުން މިއަދާ ޖެހެންދެން ބޭނުންކުރަމުން އައި ނޫކުލައިގެ ޔުނީފޯމް މިއަދުން ފެށިގެން ބޭނުންކުރުން ހުއްޓާލާނެ އެވެ.
އެގޮތުން މިއަދުން ފެށިގެން އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ބޭނުންކުރަމުން ގެންދާނީ ރޭ ތައާރަފްކުރި އާ ޔުނީފޯމެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގރ އޮފިސަރުންގެ އާ ޔުނީފޯމް ތައާރަފް ކޮށްފައިވަނީ ރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރޭ ޗަންޕާ ޗެންޓްރަލް ހޮޓެލްގަ ބޭއްވި މި ރަސްމިއްޔާތުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އާ ޔުނީފޯމް ތައާރަފް ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޔުނީފޯމް ބަދަލު ކުރަން ޖެހުނީ ދައުލަތުގެ ބައެއް އެހެން މުއައްސަސާގެ ޔުނީފޯމާއި ކުލައާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޔުނީފޯމް އެއްގޮތްވުމުގެ ސަބަބުން ކަމަށެވެ.
ްައަދި ޔުނީފޯމަށް މި ގެނެވުނު ބަދަލާއެކު އެގޮތަށް ދިމާވި މި މައްސަލަތަކަށް ހައްލުތަކެއް ގެނެވިގެން ދާނެކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ބޮޑެތި ޒިންމާތަކެއް ބޮލުގައި އެޅިގެން މަސައްކަތް ކުރާ ބައެއްކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސެކިއުރިޓީންގެ ބޮލުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތު އިހުލާސްތެރިކަމާއެކު އަދާކޮށްދިނުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިވުމަށް ވެސް މިނިސްޓަރު ވަނި ގޮވާލައްވާފައެވެ.
އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންގެ ޔުނީފޯމް މިއަދުން ފެށިގެން ބަދަލުވެފައިވާއިރު މިއީ ޑިފެންސް މިނިސްޓްރީގެ ދަށަށް އެއާޕޯޓު ސެކިއުރިޓީ ދިޔަފަހުން ޔުނީފޯމު ބަދަލުވި ދެވަނަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
އޭވިއޭޝަން ސެކިއުރިޓީ މީގެކުރިން މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ އެއާޕޯޓްސް ކޮމްޕެނީގެ ބެލުމުގެ ދަށުންނެވެ.



