މަޖިލީހުގެ ދައުރު އިތުރު ކުރުމަށް ފާސްކޮށްފި

 

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިހިނގާ ދެވަނަ ދައުރުގެ ޖަލްސާތައް މިމަހު 21 އާއި ހަމައަށް ބޭއްވުމަށް ނިންމާފައި ވަނީ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުމަކުން އެގޮތައް ފާސްވެގެންނެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ދެވަނަ ދައުރު ނެމޭނީ މިހިނގާ އޮގަސްޓް 15 ވަނަ ދުވަހުއެވެ. ނަމަވެސް މައްސަލަތައް ނިންމުމަށް އިތުރު 1 ހަފްތާއަށް ދައުރުގެ މުއްދަތު އިތުރުކުރަން ބޭނުންވެލައްވާ ކަމަށް ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވަނީ ހުށަހަޅުއްވާފަ އެވެ.
ދައުރުގެ މުއްދަތު އިތުރު ކުރުމާބެހޭގޮތުން މަޖިލިސް ރައީސް ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ އާންމުންނާ ގުޅުންހުރި ކަންކަމުގައި އަބަދު ވެސް މަޖިލީހުން އިސްކަންދޭނެ ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގަތުމަކީ އާންމުން މެންބަރުންނަށް ކުރާ އިތުބާރު ވަރުގަދަވެގެން ދާނެ ކަމެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އަވަސް އަރުވާލައިގެން ކަންތައްތައް ކުރަން ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދައުރު ދަންމާލަނީ ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް މެންބަރުން ވަޑައިގަންނަވާ ހިސާބުން އާންމުންނާ ގުޅުންހުރި ކަންކަމަށް ހުއްޓުމެއް އަޔަ ނުދިނުމުގެ ބޭނުމުގައި ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
މިހުށަހެޅުމާއި ދެކޮޅަށް ވާހަކަ ދައްކަވަމުން އެމް.ޑީ.ޕީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެދިލެއްވީ ދައުރު ދަންމާލައިގެން އަވަސް އަރުވާލައިގެން ބިލްތައް ނުނިންމުމަށެވެ. އަދި އެގޮތަށް ކަންކުރުމުން އެންމެ ފުރިހަމަ ގޮތުގައި އެބިލުތައް ނިމިގެން ނުދާނެކަން ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި ދައުރުގެ ޖަލްސާތައް އިތުރު ކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން ދައުރު ދަންމާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 59 މެމްބަރުންނެވެ. އަދި ދައުރު ދަންމާލަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ. އެހެންކަމުން މަޖިލީހުން ވަނީ މި ހިނގާ ދައުރުގެ ޖަލްސާތައް މިމަހުގެ 21 އާއި ހަމައަށް އިތުރުކުރުމަށް ފާސްކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.