
އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ
ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އެކްސިޑެންޓު ހިނގީ ފުނާޑު، ހުސްނުހީނާ މަގުގައި ކަމަށާއި ކުއްޖާ ދުއްވި ސައިކަލު ފާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފައިވާ ކަމަށެވެ.
އެ ހާދިސާ ރިޕޯޓްކުރީ ރޭ މެންދަމު 2:40 އެހާކަށްހާ އިރު އެވެ.
އެ ހާދިސާގައި ސައިކަލް ދުއްވި 17 އަހަރުގެ ފިރިހެން ކުއްޖާ ރޭ 3:38 ހާއިރު މަރުވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުވައްމުލަކުގައި މީގެ ކުރިން ވެސް އެކްސިޑެންޓްތައް ހިނގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.