
ފީފާ އެވޯޑުތަކުގައި ސަޕޯޓަރުންނަށް ވޯޓް ލެވޭ ގޮތް ހަމަޖައްސައިފި.
ދުނިޔޭގެ ފުޓްބޯޅަ މައިއިދާރާ (ފީފާ) އިން މިއަހަރު އަލަށް ތައާރަފްކުރާ ފުޓްބޯޅަ އެވޯޑުގައި ސަޕޯޓަރުންނަށް ވޯޓުލެވޭ ގޮތަށް އެ ޖަމިއްޔާ އިން ހަމަޖައްސައިފި އެވެ.
ފީފާއިން އަލަށް ތައާރަފް ކުރާ ”ދި ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް“ ގެ ނަމުގައި ފީފާ އިން ބާއްވާ ފުރަތަމަ އެވޯޑް ހަފްލާ ބާއްވަން އެ އިދާރާއިން ތައްޔާރުވަމުން ދާއިރު މި އެވޯޑް ތައާރަފް ކުރުމުގެ ހަފްލާ ބާއްވާގޮތައް މިހާރު ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުގައެވެ.
މި ހަފްލާ ބާއްވާނީ ފުޓްބޯޅައިގެ މައިއިދާރާ ހުންނަ ސްވިޒަލެންޑުގެ ޒިއުރިކްގަ އެވެ.
ފީފާއިން މިއަހަރު އަށް އެވޯޑެއް ދޭން ނިންމާފައިވާއިރު އެއިދާރާއިން ދޭއްނިންމާފައިވާ ހުރިހާ އެވޯޑަކަށްވެސް ވަނީ ބޮޑުބަދަލެއް ގެނެސްފައެވެ. އެގޮތުން ފީފާގެ އެވޯޑްތަކަށް ގެނެވުނު ބަދަލުގެނެސްފައިވަނީ ވޯޓިން ސިސްޓަމަށެވެ.
އެގޮތުން މިއީ ފީފާއިން ދޭ އެވޯޑެއްގައި ސަޕޯޓަރުންނަށް ވޯޓުލެވޭ ގޮތަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ފީފާއިން ދޭ އެވޯޑްތަކުގައި ސަޕޯޓަރުންނަށް ވޯޓްލެވޭގޮތް ހަދާފައިވާއިރު މި ބަދަލާއެކު ވޯޓު ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
އެގޮތުން ވޯޓުގެ 50 ޕަސެންޓް ވޯޓަކީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކެވެ. އަދި އަނެއް 50 ޕަސެންޓް ވޯޓުނަގާނީ ދުނިޔޭގެ އެކި ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ހޮވާލެވޭ ނޫސްވެރިންގެ މެދުގައި ނެގޭ ވޯޓުތަކުންނެވެ.
ފީފާއިން މިފަހަރު ދޭން ނިންމާފައިވާ އެވޯޑް ތަކަށް ބަލާއިރު އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާއަށް ދޭ އެވޯޑްއާއި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުންނަށް ދޭ އެވޯޑްއާއި އެންމެ މޮޅު ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑްއާއި ފީފާ ފޭން އެވޯޑްއާއި ފީފާ ފެއާ ޕްލޭ އެވޯޑްގެ އިތުރުން ފީފާ ޕްރޯ އިލެވެން އެވެ.



