
ބޮޑު ޗުއްޓީ އާދިމާކޮށް ފުވައްމުލަކު ސިޓީގައި ނަމާދު ކުރުމުގެ ޕްރޮގްރާމެއް ބާއްވަނީ
ފުވައްމުލަކު ސިޓީގެ ގާޑިއަން އެސޯސިއޭޝަނުން ކުރިއަށް ގެންދާ މިހަރާކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ ހުރިހާ އަވަށްތަކެއްގައި އެއަވަށެއްގެ ކޮންމެވެސް އެއް މިސްކިތެއްގައެވެ.
މިއަހަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް އަންނަ ނޮވެމްބަރ 20އިން 2017 ވަނައަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ހަރަކާތް އަމާޒު ކޮށްފައިވަނީ ފިރިހެންކުދިންނަށެވެ.
ގާޑިއަން އެސޯސިއޭޝަނުން ބުނީ ފުވައްމުލަކު ސިޓީގެ ރަށު ކައުންސިލުތަކާއި ގުޅިގެން ސްކޫލް ބަންދާއި ދިމާކޮށް ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން 40 ދުވަހަށް ހިންގާ މި ޕްރޮގުރާމް ފުވައްމުލަކު ސިޓީގެ ހުރިހާ އަވަށެއްގައި ހިންގާނެ ކަމަށެވެ.
އަދި މިއީ ނަމާދަކީ ދީނުގެ ދެވަނަ ރުކުނަށް ވީހިނދު، ނަމާދު ކުރުމުގެ ރޫހު އާލާކޮށް ކުރިއަރުވައި، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ނަމާދަށް އަހުލުވެރިކުރުވައި، ނަމާދު ކުރުމުގެ އާދަ ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަޚްލާގާއި އަޤީދާ ދަސްކޮށް ދިނުމުގެ މަޤުޞަދުގައު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ގާޑިއަން އެސޯސިއޭޝަނުން ބުނީ މިޕްރޮގުރާމް ހިންގާނީ އެއަވަށެއްގެ ކައުންސިލުން ކަނޑައަޅާ ކޮމެޓީއަކުން ކަމަށާއި ކޮމެޓީގައި މަދުވެގެން 5 މެމްބަރުން ގިނަވެގެން 7 މެމްބަރުން ތިބޭނެ ކަމަށެވެ. އަދި މިކޮމެޓީގައި ތިބޭނީ މިކަމަށް ޝައުގުވެރިވާ 5 ނަމާދު ކުރާ މީހުން ކަމަށްވެސް ގާޑިއަން އިން ބުނެއެވެ.
މިޕްރޮގުރާމް ނިންމުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ތައްޓާއި ހަނދާނީ ލިޔުން ދިނުމަށްވެސް ވަނީ ނިންމާފައެވެ.



