
ރާއްޖެ އެތެރެކުރަން އުޅުނު 1.7 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު 1.7 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މިއީ ރާއްޖެއައި ދިވެހި ފިރިހެނެއްގެ ހަށިގަނޑުގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.
އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެއައި މޯލްޑިވިއަން ފްލައިޓެއްގައި އައި މިފިރިހެންމީހާގެ ޢަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުރި 115 ރަބަރު ބުލެޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަދި އެތަކެތި ތަހުލީލުކުރި އިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު ޖުމްލަ 1.698 ކިލޯގްރާމް ހުރި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މިމީހާ އާއި އަތުލައިގަން މަސްތުވާތަކެތި ފުލުހުންނާ ޙަވާލުކޯށްފައިވާ ކަމަށާއި އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގް ކުރައްވަމުން އަންނަކަމަށެވެ.



