
ސީމެގުގެ ނިންމުން ރަނގަޅު.. ޕާޓީ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނަން: ޑރ. ޝައިނީ
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގު)އިން ރާއްޖެއަށް ގޮވާލި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވާނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ކަމަށާއި އެހެންނަމަވެސް އިދިކޮޅު ދެޕާޓީ ކަމަށްވާ އެމްޑީޕީއާ އަދާލަތުން ވަނީ އެކަމާދެކޮޅު ހަދާފައި ކަމަށެވެ.
އަދި ސީމެގުގެ ނިންމުމާ ގުޅިގެން އަލުން މަޝްވަރާތައް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މި ހަފްތާ ތެރޭގައި އެމަސައްކަތް ފަށައިގަނެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން މިދިޔަ ހުކުރު ދުވަހު ނިއުޔޯކުގައި ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ނިންމައި، ބައެއް ކަންކަން އިސްލާހު ކުރުމަށް ވަނީ ފުރުޞަތެއް ދީފައެވެ.
ސީމެގުން ނެރުނު ބަޔާނުގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންވެސް މަޝްވަރާތަކަށް އެކިއެކި ޝަރުތުތައް އުފެއްދުމުގެ ޒިންމާއާއި ޙައްޤު އޮތްނަމަވެސް މަޝްވަރާތަކަކީ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ ކަމަކަށް ވެފައި، ޤައުމީ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ހުރިހާ ފަރާތަކުންވެސް ދޫ ދިނުމަށް ސީމެގުން ވަނީ ގޮވާލާފައެވެ.
އަދި އިދިކޮޅު ފަރާތްތަކާއި ސަރުކާރުން ވެސް ޝަރުތުތައް ކުރިމަތިނުކޮށް މަޝްވަރާތަކުގައި ބައިވެރިވާން ސީމެގުން ވަނީ ގޮވާލާފައެވެ.



