
ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މަސައްކަތްތަކަށް ހެދުމުގެ މަސައްކަތް ފަށައިފި
މިއީ ދިވެހިރާއްޖޭން އެކްސްޕޯޓް ކުރާ ކާބޯތަކެއްޗަށް ޙަލާލް ސެޓްފިކެޓް ދޫކުރުމާ ގުޅޭ ޤަވާއިދު 2013/R-1651 ގެ ދަށުން އިސްލާމިކް މިނިސްޓްރީން ދޫކުރަމުން ގެންދާ ޙަލާލް ސެޓްފިކެޓްގެ މަސައްކަތްތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ މަސައްކަތެއްގެ ގޮތުގައި ހެދުމުގެ މަޤްސަދުގައި ފެށި މަސައްކަތެކެވެ.
މެލޭޝިޔާގެ ޑިޕާރޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓާއެކު ފަށާފައިވާ މި މަސައްކަތުގެ ދަށުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙުމަދު ޒިޔާދުގެ ދަޢުވަތަކަށް މިމަހުގެ 19 އިން 23 އަށް މެލޭޝިޔާގެ ޖަކިމްގެ ބޭފުޅުން ވަނީ ރާއްޖޭގެ ޙަލާލް ސެޓްފިކޭޓް ދޫކުރުމުގެ މަސައްކަތްތައް އޯޑިޓް ކުރުމަށް ވަޑައިގެންފައެވެ.
ޖަކިމަކީ މެލޭޝިޔާގެ މިނިސްޓްރީ އޮފް އިސްލާމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ އިދާރާއެކެވެ. މެލޭޝިޔާގެ ޙަލާލް ސެޓްފިކެޓް ދޫކުރުމާބެހޭ މައި އިދާރާއަކީ މިއީ އެވެ. މިއިދާރާގެ ޙަލާލް ސެޓްފިކޭޝަންގެ މިންގަނޑުތަކަކީ ދުނިޔޭގެ އިސްލާމީ ގިނަ ޤައުމުތަކެއް ބަލައިގަނެފައިވާ މިންގަނޑުތަކެކެވެ.
ދިވެހިރާއްޖޭގެ ޙަލާލް ސެޓްފިކޭޝަންގެ މަސައްކަތްތަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މަސައްކަތްތަކެއް ކަމުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ޙަލާލް ސެޓްފިކޭޓް ދޫކޮށްފައިވާ ދެ ކުންފުންޏަކަށް ޖަކިމްގެ ބޭފުޅުން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއޮޑިޓްގައި ޒިޔާރަތްކޮށްފައިވަނީ ލ.މާންދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފެކްޓްރީތަކަށެވެ.
ޖަކިމްގެ ޓީމާއެކު މި މަސައްކަތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް ބައިވެރިވެވަޑައިގަތެވެ.



