
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް. އުފާވެރިކަން ގެނެސްދޭ..
ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނި ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ކޮންމެ އަހަރަކުވެސް ބާއްވާ “ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް “ އަކީ ގިނަ ބަޔަކަށް ހިނިތުންވުމާއި ހިތްހަމަޖެހުން ގެނެސްދޭ ހަރަކާތެކެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ފެސްޓިވަލް މިއަދު ހަވީރު ވަނީ ބާއްވާފައެވެ. ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ތެރެއިން، ހެންވޭރު ދަނޑުގައި މިއަދު ބޭއްވި މި ޚާއްޞަ ފެސްޓީވަލުގައި ސްކޫލްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ 10 މުއައްސަސާއަކުން 200 އެއްހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ފެސްޓިވަލް ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ދިރާގަކީ ރާއްޖޭގައި ހުރި ގިނަ ކުންފުނިތަކުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ގިނަ ކަންތައްތަކެއްގައި އެހީތެރިވަމުން ގެންދަވާ ކުންފުންޏެއްކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އަދި މިއީ މިފަދަ ކަންކަމުގައި އެހެން ކުންފުނިތަކަށް ނަމޫނާއެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިރާގުގެ ޕަބްލިކް ރިލޭޝަން މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ މިއީ ވަރަށް ޚާއްޞަ ދުވަހެއް ކަމަށާއި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ގިނަ ޢަދަދެއްގެ ދަރިވަރުން މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވެފައިވާކަމަށެވެ.
އަދި މިއަހަރަކީ މެދުނުކެޑި ދިރާގު ސްޕޯޓްސް ފެސްޓިވަލް ބާއްވަމުން އަންނަތާ ފަސްވަނަ އަހަރުކަމަށް ވާތީ މިއަހަރު ކޮމްޕެޓޭޓިވް ސްޕޯޓްސްވެސް ތަޢާރަފް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
“ މި ކޮމްޕެޓޭޓިވް ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި އެހެން ކުދިންނެކޭ އެއްގޮތަށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެގިގެންދާނެ “ އިމްޖާދު ވިދާޅުވިއެވެ.

މުޖުތަމަޢުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުޞަތުތަކެއް ހޯދައިދިނުމުގެ މަޤުޞަދުގައި ދިރާގުން ބާއްވާ މި ފެސްޓިވަލުގައި ދިރާގުން ވަނީ 60 މީޓަރާއި 30 މީޓަރު ހިމެނޭ ދުވުމެއްވެސް ހިމަނާފައެވެ.
ހަމަ ޔަޤީނުންވެސް މިފަދަ ކޮންމެ ކަމަކުންވެސް ފެނިގެންދަނީ ހިނިތުންވުމެވެ. އަޅުގަނޑުމެންގެ އަޅާލުމާއި އެހީތެރިކަން ބޭނުންވެފައިވާ މިފަދަ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ހަދަމާތޯއެވެ…



