
ފްލެޓްތައް އަވަހަށް ޙަވާލުކުރުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފި
ފްލެޓްތައް އަވަހަށް ޙަވާލުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތަކުން އެޓޯލްނިއުސްއަށް ބުނީ މިއީ 2020 ވަނަ އަހަރުގެ ކުރީކޮޅު ހިޔާ ފްލެޓްތައް ލިބުނު ހިޔާގެ ޙައްޤުވެރީންނަށް އެތަނުގައި ވަޒަންވެރިވެވޭނެ ކަމުގެ އުންމީދު ދައުލަތުންވަނީ އާކޮށްދީފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާއި އެކު ދަތިހާލަތަށް ދިޔަ ރައްޔިތުންނަށް ވެސް އުންމީދު އައުކޮށްދީފައިވާ ކަމަށެވެ.
”ކޮވިޑާއެކު ޢާއިލާތަކަށް މާލޭގެ ބޮޑުކުލީގައި އުޅެމުންނެތުމުން އެތަކެއް ޢާއިލާއެއްވަނީ ގެދޮރެއް ނެތް ވަޒަން ކަމުގައިވާ އަމިއްލަ ރަށްތަކާ ހިތާދެކޮޅަށް ހިޖުރަކޮށްފަ. މަހަކަށް ފަހު މަހެއް އަހަރަކަށްފަހު އަހަރެއްދީ ރައްޔިތުންގެ އުންމީދުތަކާއި ކުޅެ އެފަރާތްތައް މިއަދު މިވަނީ މާޔޫސްވެފަ. ކަންމިހެން ހުރުމުން ދިރާސީ އައުއަހަރުގެ ކިޔެވުން ފެށެން ކުޑަތަންވެފައި ވުމާއެކު ފްލެޓްތައް އަވަހަށް ޙަވާލުކުރުމަށް ގޮވާލާ ޕެޓިޝަނެއް އެކުލަވާލައި ފްކެޓްތަކުގެ ޙައްޤުވެރީން ދަނީ ސޮއިކުރުމަށް ތައްޔާރުވަމުން.“ އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓްތަކުގެ ޙައްޤުވެރީންގެ ތެރެއިން އެކަމަށް އިސްނަގާ، ނިކުތް ވިއްސަކަށް ފަރާތާއި އެކު މަސައްކަތް ފެށި ފްލެޓްތަކުގެ ޙައްޤުވެރީންގެ ވައިބަރ ކޮމިއުނިޓީގައި މަޝްވަރާކޮށް ޕެޓިޝަން ވަނީ ފައިނަލް ކުރެވިފައިވާ ކަމަށެވެ.
އަންނަ ހުކުރު ދުވަހު ސޮއިކުރުމަށް ފެއްޓުމަށް ތައްޔާރުވަމުންދާ މި ޕެޓިޝަނުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ކޯވިޑްގެ ޙާލަތާއެކު ޑިޖިޓަލް ކޮށްނާއި ޕްރިންޓެޑް ޕޭޕަރުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިހާރުވެސް 2500 އާއި ގާތްކުރާ މިންވަރަށް ފްލެޓް ތަކުގެ ޙައްޤުވެރީންގެ ވައިބަރް ކޮމިއުނިޓީގައި މީހުން ހަރަކާތްތެރިވާއިރު، އެފަރާތްތަކުގެ ބޮޑު ތަރުޙީބެއް މި ޕެޓިޝަނަށް ލިބެމުން އަންނަކަމަށް ވެސް ބުންޏެވެ.
ވައިބަރ ކޮމިއުނިޓީގައި ޕެޓިޝަނުގެ ކަންކަން ހިންގުމަށް ވޮލެންޓިއަރުންނަށް ހުޅުވާލުމުން 200 އާއި ގާތްކުރާ އަދަދަށް މި ކަމުގެ އަމަލީ މަސައްކަތަށް މީހުން ޝައުގުވެރިކަން ފައުޅުކޮށްފައިވާއިރު، މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ސޮއިކުރުމަށް ވަނީ އިންތިޒާމް ތަކެއް ރޭވި ޓީމްތަށް އެކުލަވާލެވިފައެވެ.
ކޮވިޑް 19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އިސްކަންދީގެން މިސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ގުރޫޕްތަކުން ވަނީ އިންތިޒާމްތަކެއް ރާވާފައެވެ.
ރަޢީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، ހައުސިންގ މިނިސްޓަރީ އަދި އެޗް،ޑީ،ސީ އާއި މާލެ ސިޓީ ކައުންސިލް އަށް ހުށަހަޅަން ތައްޔާރުކުރާ މި ޕެޓިޝަނުގައި މައިގަނޑުގޮތެއްގައި ގޮވާލާފައިވަނީ ފްލެޓްތައް އަވަހަށް ޙަވާލުކުރުމުގެ އިތުރުން އަގު 5500ރ އަށް ކުޑަކުރުމާއި، ފިނިޝިން މަސައްކަތަށް ލޯނު ލިބޭނޭ އިންތިޒާމް ފަހިކުރުމަށެވެ.
ފްލެޓް ތަކުގެ ޙައްޤުވެރީންގެ ވައިބަރ ކޮމިއުނިޓީއަށް ފްލެޓް ލިބުނު 7000 ފަރާތުންވެސް އަވަހަށް ޖޮއިން ކޮށްދެއްވުމަށް ފްލެޓްތަކުގެ ޙައްޤުވެރީންގެ ގުރޫޕުން އިލްތިމާސް ކުރައްވައެވެ.



