
އެލްޖީއޭ އަށް ކައުންސިލަރުން އިންތިޚާބު ކުރުން އަންނަ މަހުގެ 12 ގަ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަމަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމަައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވާދަކުރުމަށް އެދޭ ފޯމާއި އައިޑީކާޑު ކޮޕީ އަދި ޕާސްޕޯޓު ސައިޒު ފޮޓޯއެއް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށާއި މެއިލް ކުރަން ޖެހެނީ lga.elect@elections.gov.mv އަށް ކަމަށް ވެސް ބުންޏެވެ. އަދި ވޯޓުލުން ކުރިއަށް ދާނީ ޖޫން 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 14:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައި ވާގޮތުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލް މެމްބަރަކާއި، އަތޮޅު ކައުންސިލެއްގެ ރައީސަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހިމެނެން ޖެހޭނެ އެވެ. އެ ފަރާތްތައް ކަނޑައަޅާނީ ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް އިންތިހާބު ކުރާ ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު ކައުންސިލަރުން ހުވާ ކުރާތާ 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ.
މިދިޔަ މަހުގެ 10 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރި ކައުންސިލަރުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން މިމަހުގެ 17 ވަނަދުވަހު ހުވާކޮށް މަޤާމާއި ވަނީ ހަވާލުވެފައެވެ.



