
ޞަޙާބީންގެ މާތްކަމާއި މަތިވެރިކަން
އެންމެހާ ޙަމްދުޘަނާއާއި ތަޢުރީފެއް ޙައްޤުވަނީ ގަދަ ކީރިތިވަންތަ މާތްﷲ އަށެވެ. މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު ﷺ އަށާއި އެކަލޭގެފާނުގެ ޢާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އެއަށްފަހު ދަންނާށެވެ!
ނަބީކަން ޚަތިމް ކުރެއްވުމަށް ފޮނުވުނު މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ލޮބުވެތި ޞަޙާބީންނަކީ މާތްﷲގެ ޙަޟްރަތުގައި ޚާއްޞަ ޤަދަރެއް ދެވިގެންވާ ބައެކެވެ. އެބޭކަލުންވީ މި އުއްމަތުގެ އެންމެ ހެޔޮ ގަރުނުގެ ތެރެއިންނެވެ. ހަމަޖެހުމާ އަމާންކަން ގެނުވައިދޭ އިސްލާމީ ޝަރީޢަތުގެ ހުކުމްތަކާއި އަޞްލުތައް އޭގެ ފުރިހަމަ ޢިލްމާއި ޢަމަލުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދެއްވި ސަނަދުތަކަކީ އެބޭކަލުންނެވެ. އަދި އެބޭކަލުންގެ އެންމެ މަތިވެރިކަމަކީ ﷲގެ މަގުގައި ޖިހާދު ކުރެއްވިކަމެވެ.
އެބޭކަލުންގެ މާތްކަމުގެ މައްޗަށް ދަލީލުކުރާ ބައެއްކަންކަން ދަންނައެވެ!
1- ފަހެ، ﷲ ތަޢާލާވަނީ އެބޭކަލުންނަށް ޘަނާ ވިދާޅުވެފައެވެ. ކީރިތި ޤުރްއާނުގައި އެކަލާނގެވަނީ ޞަޙާބީ ބޭކަލުންގެ އިސްލާމްކަމާއި، އީމާންކަމާއި، އިޙްޞާންކަމުގެމައްޗަށް ހެކިވެވޮޑިގަންފައެވެ. އަދި އެބޭކަލުންގެ ތައުބާގެ މައްޗަށްވެސްް ހެކިވެ ވޮޑިގެންފައިވެއެވެ. ﷲ ތަޢާލާވަނީ އެބޭކަލުންނަށް ރުހިވޮޑިގަންފައެވެ. އެބޭކަލުންލެއްވީ ކިޔަމަންތެރިބަޔަކު ކަމުގައެވެ. އަދި އެބޭކަލުންވަނީ އެއިލާހުގެ ނިޢުމަތުގެ ގޮވަތި ކަމުގައިވާ ސުވަރުގެތަކުގެ އަހުލުވެރިންކަމުގައި ލައްވާފައެވެ.
2- ރަސޫލުﷲ ﷺ ވަނީ އެބޭކަލުންގެ މަތިވެރިކަން ބަޔާންކޮށްދެއްވާފައެވެ. އޭގެތަރެއިން ބަޔަކަށް ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ މަތިވެރި ޚަބަރުވެސް ވަނީ ދެއްވާފައެވެ. މިއުއްމަތުގެ އެންމެހާ މީސްތަކުންގެ ތެރެއިން އެންމެ ހެޔޮޤަރުނުގެ ބަޔަކީ އިތުރު އެކަލޭގެފާނުގެ ޞަހާބީންކަމުގައި ވަނީ ޙަދީޘް ކުރައްވާފައެވެ. އަދި ހަމައެހެންމެ، އެކަލޭގެފާނުގެ ސުންނަތާއެކު ޞަހާބީންގެ ތެރެއިން ޚުލަފާއުއް ރާޝިދޫންގެ ގޮތްކޮޅުގައި ހިފުމަށްވެސް އެކަލޭގެފާނު އެންގެވިކަން އެއީ އެޞަޙާބީންގެ މާތްކަން އިތުރަށް ހާމަވާ ކަމެކެވެ.
3- އިސްލާމްކަމުގެ އަހުލުވެރިން ވަނީ ޞަހާބީ ބޭކަލުންގެ މާތްކަމާއި މަތިވެރިކަމުގެމައްޗަށް ހެކިވެފައެވެ. މި އުއްމަތުގެ އެންމެންވަނީ ޞަޙާބީންގެ މަތިވެރިކަމުގެ މައްޗަށް އިއްތިފާޤްވެގެންނެވެ.
ފަހެ އެބޭކަލުންނީ ޝަރަފު ލިބިގެންވާ ބޭކަލުންނެވެ. ޞިފަ ކުރާނެ މީހަކަށް އެންމެ މަތީ ދަރަޖައިން ސިފަކުރެވޭނެ އިންސާނުންނަކީ އެއީއެވެ. އެބޭކަލުންނަށް ޤަދަރުނުކުރާބަޔަކީ އެބޭކަލުންގެ ނަން ހަޑިކުރަން އުޅޭބައެކެވެ. އެބަޔަކުގެ ހުރިހާ ނުބައި ޢަމަލަކުން އެމަތިވެރި ޞަޙާބީން ބަރީޢަ ވެގެންވެއެވެ. އެފަދަ އެއްވެސް ޢަމަލަކުން އެއިން ބޭކަލަކަށް ލިބޭނޭ ކުޑަވެސް އުނިކަމެއް ނޯންނާނެއެވެ.
ޞަޙާބީ ބޭކަލުންނަށް ލޯބިކުރުމީ އީމާންކަމުގެ ތެރެއިން ވާކަމެކެވެ. އެބޭބޭކަލުންގެ ޙަޔާތްޕުޅުން ފިލާވަޅު ލިބިގަންނަ ކޮންމެ މީހެއްގެ ޙަޔާތް ބާއްޖަވެރިވެދާހުއްޓެވެ. އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގައި ޞަޙާބީ ބޭކަލުންނަށް ލޯބި ޖެއްސުމީ މައިންބަފައިންނަށް އެކުދިންގެ ޙައްޤުގައި ކޮށްދެވޭނެ އެންމެ ފުރިހަމަ ޚިދުމަތެވެ. އެއިން ކުއްޖެއްގެ ހިތުގައި އެބޭކަލުންނަށް ލޯބިޖެހި، އެއިން ބޭކަލަކު ނަމޫނާ އަކަށް ހިފައިފިނަމަ އެކުއްޖަކީ އޭނާގެ މަންމަ އާއި ބައްޕަގެ ލޮލުގެ ޙަޤީޤީ ފިނިކަންކަމުގައި ވެގެންދާހުއްޓެވެ. ދަރިންގެ ޒުވާން އުމުރުގައި އެކުދިންގެ ކުރިމަތީ މަތިވެރި ޞަޙާބީން ނަމޫނާވެގެން ގޮސްފިނަމަ، އީމާންތެރިކަމުގެ ހުޅުކޮޅު އެކުދިންގެ ހިތުގައިި ރޯކުރާ ތެލެއްކަމުގައި ވެގެންދާނީ އެޞަޙާބީންގެ ޙަޔާތްފުޅު ތަކުގެ ދަރުސްތަކެވެ. ފުރާވަރައްއަޅާ ކޮންމެ ކުއްޖަކުގެ ހިތުގައި ތަފާތު ޝަޚްޞިއްޔަތުތަކަށް ލޯބިކުރުމުގެ ފޯރިއެއް އުފެދިގެން އަންނަހިނދު، ޙަޤީޤީ ބަޠަލުންނަކީ ކޮންބައެއްކަން އެކުދިންނަށް ބުނެދިނުން ވަރަށް މުޙިއްމެވެ. އެހެންނޫންނަމަ ދުންތަރިއެއްފަދައި ކުއްލިއަކަށް ފެނިގެއްލޭ ކޮންމެވެސް ޚިޔާލީ ފަންނާނެއްގެ ހެއްލުންތެރި ދަޅަތަކުގެ ދޯދި، އެކުދިންގެ ލޯތަކަށް އެޅި އަވާމެންދުރެއްގައި ހެޖިފައިވާ މީހަކުފަދައިން އެކުދިން އޮޔާހިނގައިދާނެއެވެ. ޙަޤީޤީ ތަރިންނާއި ބަޠަލުން ކަމުގައިވާ ޞަޙާބީ ބޭކަލުން އިސްލާމްދީނަށްޓަކާވީ ޤުރުބާނީއާއި އެޞަޙާބީން ދެއްކި ކުޅަދާނަ ހުނަރުތަށް ފުރާވަރަށް އަޅާކުދިންނަށް ބުނެދެވިއްޖެނަމަ، އެބޭކަލުންނަށް ލޯބިކުރުމުގެ ޝައުޤު އެކުދިންގެ ކިބައިގައި އުފެދިގެން އަންނާނެއެވެ.
އަޅަމެންގެ ހިތްތަކުގައި ޞާހާބީ ބޭކަލުންނަށް ލޯބި އިތުރު ކުރައްވާންދޭވެ! އަޅަމެންނަކީ އެބޭކަލުންގެ ފިޔަވަޅުތަކަށް ތަބަޢަވާ ބަޔަކު ކަމުގައި ލައްވާންދޭވެ! އަޅަމެންގެ ކަންކަން އިޞްލާހު ކޮށްދެއްވާ ބާއްޖަވެރިކަން ދެއްވާންދޭވެ! ދެދުނިޔޭގައިވެސް ހެޔޮކަންދެއްވާ، ނަރަކައިގެ ޢަޛާބުން އަޅަމެން މުއްތި ކުރަށްވާންދޭވެ! އާމީން!



