
ހުކުމާ އެއްގޮތަށް ޕީޕީއެމް ހިންގާނެ މަގެއް ހޯދަން މައުމޫނަށް ހުށައަޅައިފިން، އަދި ޖަވާބެއް ނުދެއްވާ: ޔާމީން ފެކްޝަން
ޕީޕީއެމް ހިންގާނެ މަގެއް ހޯދުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތަކުރާރުކޮށް ހުށަހެޅުމުން އަންނަ ކަމަށާއި ނަމަވެސް އަދި ރައީސް މައުމޫން އެއްވެސް ޖަވާބެއް ނުދެއްވާކަމަށް ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ބުނެފި އެވެ.
އެ ފެކްޝަނުން މިހެން ބުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމަށް އަލަށް ކަނޑައެޅުއްވި ސެކެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީމް އެވެ.
މިއަދު ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯޓު އަމުރާއި އެއްގޮތަށް ޕީޕީއެމް ހިންގުމަށް އެޕާޓީގެ ރައީސް މައުމޫންގެ އަރިހުން އެދިފައިވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު އަދި މިއެދުމަށް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ.
ހަލީލް ވިދާޅުވީ އެބޭފުޅުންނަށް ރައީސް މައުމޫންއާއެކު ބައްދަލުވުމަކަށް ދެވޭ ވަރުނުވާކަމަށާއި އެހެން ނަމަވެސް މި ދަނީ ކެނޑިނޭޅި ބައްދަލުވުމަކަށް މައުމޫންގެ އަރިއަހުން އެދެމުންކަމަށެވެ. މީގެ ދެ ދުވަސް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީނާއި މަޝްވަރާ ކުރެއްވުމަށް އެދުމުން ބައްދަލު ނުކުރެއްވި ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ހަލީލް ވިދާޅުވީ ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކީ ވެސް ޕީޕީއެމް މެމްބަރުން ކަމަށާ ރައީސް މައުމޫނަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
ހަލީލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރިޔާސަތުގައި އިންނަވައިގެން އެފެކްޝަނުން ނިންމެވި ކަންކަން މިހާރުވާނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިކަމަށާއި އެހެން ނަމަވެސް އެކަމަށް އަދި އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު އިންތިޒާރުކުރަމުން ގެންދަނީ އިލެކްޝަންގެ ޖަވާބަކަށް ކަމަށާއި އެ ކޮމިޝަނުގެ ނިންމުން ގަބޫލް ކުރައްވާނެ ކަމަށެވެ.



