
ރަސޫލާ صلى الله عليه وسلم އަށް ތަބަޢުވުމުގެ ވާޖިބުކަން (5)
ބިދުޢައަކީ ކޮބާ؟
ބަހުގެ ގޮތުން ބިދުޢަ:
ބަހުގެ ގޮތުން ބިދުޢައަކީ ކުރިން އޭގެ އަސްލެއްނުވާ އަލަށް އުފައްދާ ނުވަތަ އަލަށް ފަށާ ކަންކަމެވެ.
(އިބުނު ފާރިސް، މުޢުޖަމުއް މަޤާޔީސުއްލުޣާ: 1/209- ދަޢުވަތު އަހުލިލްބިދަޢި: ޞ: 41، އައްޝަޢިކު ޚާލިދު ބިން އަޙުމަދު އައްޒަހުރާނީ ދާރު އިބުނިލްޖައުޒީ)
ޝަރުޢީ ގޮތުން ބިދުޢަ:
ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ބިދުޢައަކީ އިޢުތިޤާދުކުރުންތަކާއި އަދި އަޅުކަންތަކުގައި، ޤުރުއާނާއި އަދި ސުންނަތާއި އަދި މިއުއްމަތުގެ ސަލަފުންގެ އިޖުމާޢާއި ޚިލާފުވާ ކަންކަމެވެ.“
(މަޖްމޫޢު ފަތުވާ- ދަޢުވަތު އަހުލިލްބިދަޢި: ޞ: 42، އައްޝަޢިކު ޚާލިދު ބިން އަޙުމަދު އައްޒަހުރާނީ ދާރު އިބުނިލްޖައުޒީ)
ޢައްލާމާ ޙާފިޡު ޙަކަމީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ބިދުޢައިގެ މާނައަކީ: ޝަރުޢުވެފައިވާ ކަންކަމުގައި ﷲ ކުރަން އިޛުނަދެއްވާފައި ނުވާކަންކަމެވެ. އަދި ނަބިއްޔާ ﷺ އަދި އެކަލެގެފާނުގެ އަޞްޙާބުން އެކަމެއް ކުރައްވާފައިނުވާ ކަންކަމެވެ.“
(މަޢާރިޖުލް ޤަބޫލް- ދަޢުވަތު އަހުލިލްބިދަޢި: ޞ: 42، އައްޝަޢިކު ޚާލިދު ބިން އަޙުމަދު އައްޒަހުރާނީ ދާރު އިބުނިލްޖައުޒީ)
ޢައްލާމާ އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވާފައިވެއެވެ. ”ޢަޤީދާއިންނާއި އަދި ޢަމަލުން، ނަބިއްޔާ ﷺ އާއި އެކަލޭގެފާނު ޞަޙާބީން ޢަމަލުކުރައްވާފައިވާ ގޮތާ ޚިލާފަށް އަލަށް ދީނުގެ ތެރެއަށް އިތުރުކުރެވިފައިވާ ކަންކަމެވެ.“
(ލަމްޢަތުލް އިޢުތިޤާދްގެ ޝަރަޙަ- ދަޢުވަތު އަހުލިލްބިދަޢި: ޞ: 42، އައްޝަޢިކު ޚާލިދު ބިން އަޙުމަދު އައްޒަހުރާނީ ދާރު އިބުނިލްޖައުޒީ)
އެންމެ މަތިވެރި ނަމޫނާއިން ނަމޫނާ ލިބިގަތުމަށް ބިދުޢަ ދެނެގަންނަން ޖެހެނީ ކީއްވެ؟
ސަބަބަކީ ބިދުޢައަކީ ސުންނަތުގެ އިދިކޮޅެވެ. ސުންނަތުގެ ދުޝްމަނެވެ. ޢަރަބިން ބުނެ އުޅޭ ބަހެއްގައިވެއެވެ. ”އެއްޗެއްގެ ރަނގަޅުކަން އެނގޭނީ އެއެއްޗެއްގެ އިދިކޮޅުންނެވެ.“ ތަޢުޙީދު ނުވަތަ ﷲ އެއްކައުވަންތަ ކުރުމުގެ އިދިކޮޅު ޝަރީކުކުރުން ވާ ފަދައިންނެވެ. ޝަރީކު ކުރުމަކީ ﷲއާއި އެއިލާހުގެ ރައްބުވަންތަކަމާއި އިލާހުވަންތަކަމާއި އަދި ސިފަފުޅާއި އިސްމުފުޅުތަކުގައި ބައިވެރިޔަކު ލުމެވެ.
ބިދުޢައާއި މެދު ނަބިއްޔާ ﷺ ދެއްވާފައިވާ ބައެއް އިރުޝާދުތައް
ހ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
”مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ“. (متفق عليه رواه البخاري ومسلم.)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ އަހަރެމެންގެ މި އަމްރުގެމައްޗަށް(އެބަހީ އިސްލާމްދީން ނުވަތަ ޝަރީޢަތުގެ މައްޗަށް) އެދީނުގައި ނުހިމެނޭ އާކަމެއް(ޝަރުޢީގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަދި މާތްނަބިއްޔާގެ ސުންނަތުން ސާބިތުނުވާކަމެއް) ގެނެސްގަންފި މީހާއަށް، އެކަމެއްވަނީ ރައްދުވެގެންނެއެވެ.“
ށ. އަދިވެސް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلَالَةٌ) رواه مسلم : 867 في كتاب الجمعة.
މާނައީ: ”ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ބަހަކީ ﷲގެ ބަސްފުޅެވެ. އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތެވެ. އަދި ކަންތައްތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ ކަމަކީ ދީނުގައި ނަމުގައި އަލަށް އުފެއްދޭ ކަންކަމެވެ. އަދި (ދީނުގައި ޢަލަށް އުފެއްދޭ) ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“
ނ. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިއުއްމަތް ހަތްދިހަ ތިންބަޔަށް ބައިވާނެކަމަށް ޚަބަރުދެއްވާފައެވެ. އެއީ ބިދުޢަތަކާއި މަގުފުރެދުންތަކުގެ ސަބަބުންނެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
(فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ) رواه أبو داود والترمذي.
މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން ދިރިތިބި މީސްތަކުންނަށް ވަރަށް ގިނަ ޚިލާފުތައް ފެންނާނެއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ވަނީ ތިމަންކަލޭގެފާނާއި އަދި ތެދުމަގު ދައްކާ ޚުލަފާއުއް ރާޝިދޫންގެ މަގުގައި ހިފުމެވެ. އަދި ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނުގައި އަލަށް އުފެދޭ ކަންކަމުން ރައްކާތެރިވާށެވެ. އަދި ދީނުގެ ނަމުގައި އަލަށް އުފެދޭ ކަންކަމަކީ މަގުފުރެދުމެކެވެ.“
ރ. އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.
(إِنَّ أُمَّتِي سَتَفْتَرِقُ عَلَى ثِنْتَيْنِ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إِلاَّ وَاحِدَةً وَهِيَ الْجَمَاعَةُ) رواه ابن ماجه 3993.
މާނައަކީ: ”ތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިންބަޔަށް ބައިވާނެއެވެ. ހުރިހާ ބައިތައް ވަނީ ނަރަކައިގައެވެ. އެންމެ ބަޔެއްފިޔަވައެވެ. އަދި އެބަޔަކީ ޖަމާޢަތެވެ.“
އިސްލާމްދީން ބާތިލުބައިތަކަށް ބައިވެގެންދާއިރު އިސްލާމްދީނުގެ ޞައްޙަ މަގަކީ ނުވަތަ ޙަޤީޤީ މުސްލިމުންނަކީ އަހުލުއްސުންނާ ވަލްޖަމާޢަތަށް ނިސްބަތްވާ މީސްތަކުންނެވެ. އެބައިމީހުންގެ މަގަކީ ޤުރުއާނާއި ސުންނަތާއި އަދި ޞަޙާބީ ބޭކަލުންގެ މަގުގައި ހިފުމެވެ. އަދި އެޔާ ޚިލާފުވާ ހުރިހާ އެއްޗެއް ދޫކޮށްލުމެވެ. މިކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އުއްމަތް 73 ބަޔަށް ބައިވާނެކަމާއި އަދި އެއްބަޔަކު ސަލަމާތްވެ ސުވަރުގެ ވަންނާނެކަން އެންގެވުމުން ޞަޙާބީން ސުވާލުކުރެއްވިއެވެ. އެބަޔަކީ ކޮބައިތޯއެވެ. އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(مَا أَنَا عَلَيْهِ الْيَوْمَ وَأَصْحَابِي) رواه الطبراني في معجم الصغير (726)
މާނައަކީ: ”އެއީ އެގޮތެއްގެ މަތީގައި ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުގެ ޞަޙާބީންވާ ގޮތެވެ“
އެހެންކަމުން ދުޢާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަތީގައި ފައިތިލަ ސާބިތުކޮށް އެކަލޭގެފާނުގެ އެކަންކަމާއި ބެހޭގޮތުން އިންޒާރު ދެއްވި ބިދުޢައިން ސަލާމަތްވާ ބައެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. އަދި ޤިޔާމަތް ދުވަހު ﷲ ރުއްސަވާ މަގުގައި ތިބެ ނަޖާވާ އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތް ލިބޭ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލެއްވުމެވެ. ދުނިޔެމަތީގައި އެކަލޭގެފާނާއި އަވައްޓެރިވުމުގެ ފުރުސަތު ދެއްވި ގޮތަށް ޤިޔާމަތްދުވަހު ސުވަރުގޭގައި އެކަލޭގެފާނާއި އަވައްޓެރިވުމުގެ ފުރުޞަތުން އަޅުގަނޑުމެން މަހުރޫމު ނުކުރައްވާށިއެވެ.
وصلى الله وسلم على محمد وآله وصحبه أجمعين. آمين.
والحمد الله الذي بنعمته تتم الصالحات.
ނިމުނީ
މަސްދަރުތައް
1. تدوين السنة النبوية لشيخ محمد بن مطر الزهراني رحمه الله.
2. من حقوق الله الرسول الله ﷺ على أمته. ރިސާލާއެއް.
ކުރީގެ ބައިތައް
1 – ފުރަތަމަ ބައި
2 – ދެވަނަ ބައި
3 – ތިންވަނަ ބައި
4 – ހަތަރުވަނަ ބައި



