
ފިތުރު އީދު ބަންދުގައި ވިއްސާރަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި
މިއަހަރުގެ ފިޠުރު ޢީދު ބަންދުގެ ދުވަސްތަކުގައި ވިއްސާރަކުރާނެކަމަށް ލަފާ ކުރެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށާއި ހުޅަނގު ދެކުނާއި ހުޅަނގުން ގާތްގަޑަކަށް 15 މޭލާއި 25 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ޢާންމުކޮށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އަދި ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެންކަމުން ކަނޑުދަތުރު ފަތުރު ކުރާ އިރު ސަމާލުވުމަށްވެސް މެޓުން ވަނީ ލަފާދީފައެވެ.



