
ތުޅާދޫއިން ގޯއްޗާއި ހައުސިންގ ޔުނިޓު ހޯދުމަށް 500އަށްވުރެ ގިނަ ފޯމު ނަގައިފި
މާޅޮސްމަޑުލު ދެކުނުބުރި ތުޅާދޫއިން ގޯއްޗާއި ހައުސިންގ ޔުނިޓު ހޯދުމަށް 500އަށްވުރެ ގިނަ ފޯމު ނަގައިފިކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ އެކަމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 500އަށްވުރެ ގިނަ ފޯމް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ޢަދަދު 800އަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެއީ ހަމައެކަނި ކައުންސިލުން ދޫކުރި ފޯމް ކަމަށާއި ވެބްސައިޓް ޑައުންލޯޑް ކުރާ ފޯމްތަކާއެކު އެ ޢަދަދު އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.
ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮތް ތުޅާދޫގައި ދިރިއުޅުމަށްޓަކައި 536 ގޯތި މިވަގުތު ދޫކޮށްފައިވާ އިރު، ގޯތި ގެދޮރު ނެތިގެން ވަރަށް ދަތިހާލުގައި ދިރިއުޅެމުންދާ ގިނަ ބަޔަކު އެރަށުގައި ދިރިއުޅެމުންދާ ކަމަށާއި އެހެންކަމުން އިތުރު ގޯތި ތުޅާދޫން ދޫކުރެވޭނެ ގޮތެއް ސަރުކާރުގައި ދަންނަވައިގެން ހަމަޖެއްސެތޯ ބަލަމުންދާކަމަށްވެސް ތުޅާދޫ ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން އިތުރަށް ބުނީ އެރަށުން ޢާންމުންނަށް ދޫކުރާނީ 88 ގޯއްޗާއި 50 ހައުސިންގ ޔުނިޓު ކަމަށާއި މީގެ ތެރެއިން 5 ހައުސިންގ ޔުނިޓް ދޫކުރާނީ ރަށުން ބޭރުން ހިޖުރަކުރާ ޢާއިލާތަކަށް ކަމަށެވެ.
ތުޅާދޫން 88 ގޯތި ދޫކުރަން އިޢުލާންކުރީ ބ. އަތޮޅުގެ އެންމެ އާބާދީބޮޑު ދެރަށްކަމުގައިވާ އޭދަފުއްޓާއި، ތުޅާދޫ ހިއްކިބިމުން ވަރަށް އަވަހަށް ގޯތި ދޫކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަމަހުގެ ކުރީކޮޅު ވިދާޅުވެފައި ވަނިކޮށެވެ.
ތުޅާދޫ އެންމެފަހުން ގޯތި ދޫކުރީ 1999ވަނަ އަހަރުއެވެ.



