
ރުއްގަސް ނެގުމުގެ ޤަވާއިދަށް ޢާންމުންގެ ޚިޔާލު ހޯދަން ފޯރަމެއް ބާއްވަނީ
ރުއްގަސް ނެގުމުގެ ޤަވާއިދަށް ޢާންމުންގެ ޚިޔާލު ހޯދަން ފޯރަމެއް ބާއްވަން އެންވަޔަރްމެންޓް މިނިސްޓްރީން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމަކީ ފަހަކަށް އައިސް ވަރަށް ގިނައިން މިނިސްޓްރީއަށް އަންނަ ޝަކުވާއަކަށްވާތީއެވެ.
މިނިސްޓްރީން ބުނީ މިހާރު އޮންނަ ރުއްގަސް ނެގުމުގެ ޤަވާޢިދު އޮންނަ ގޮތުން ބައެއް ފަރާތްތަކަށް ފިޔަވަޅު އެޅި ބައެއް ފަރާތްތަކަށް ފިޔަވަޅު ނޭޅޭތީ މި ޤަވާއިދު އިސްލާހު ކުރުމަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ނިންމީ ކަމަށެވެ.
މި ފޯރަމް އޮންނާނީ މި އަންނަ އަންގާރަ ދުވަހުގެ ރޭ، 21:30 ގައި ސަލްޓަން ޕާކުގައި ހުންނަ އެންފިތިއެޓަރގައި ކަމަށާއި މި ފޯރަމުގައި އެންވަޔަރަންމަންޓް މިނިސްޓަރއާއި މިނިސްޓްރީގެ ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެހެންކަމުން މި ފޯރަމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ޚިޔާލު ފާޅުކުރެއްވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.
ރުއްގަސް ނެގުމުގެ އާ ޤަވާއިދެއް އެކުލަވާލައި ޢާންމު ކުރީ މި އަހަރުގެ ތެރޭގައެވެ. އެ ޤަވާއިދަށް ޢާންމުންގެ ޚިޔާލު، ލިޔުމުން ހުށަހަޅަންވެސް މީގެ ކުރިން ވަނީ ހުޅުވާލާފައެވެ.



