
އިސްލާހު ނުވެއްޖެނަމަ ރާއްޖެއާމެދު ފިޔަވަޅު އެޅުމަށް ވިސްނަނީ…
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާ، އެއަށްފަހު އިސްލާހު ނުވެއްޖެ ނަމަ، ރާއްޖެއާމެދު ފިޔަވަޅު އެޅުމަށް ވިސްނަމުން އަންނަ ކަމަށް ކޮމަންވެލްތުން ބުނެފިއެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދާ އދ.ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ސީމެގުގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި އެ ގްރޫޕުގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި 6 ކަންތައް އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ސީމެގުން އަންގާފައިވާ ކަންކަމުގެ ތެރޭގައި ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވޭ ގޮތަށް ވަކި މަޤުޞަދުތަކަކާއި ވަގުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތައް އަލުން ފެށުމާއި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭނެ ގޮތަށް ދޫކޮށްލުން ހިމެނެއެވެ.
އަދި ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމް ޤާނޫނުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓާލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމާއި މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދޭންވެސް ސަރުކާރަށް ވަނީ އަންގާފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން އދ. މެދުވެރިވެގެން ކުރިއަށް ގެންދަން މަސައްކަތް ކުރާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބޭތީ އެކަމާވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް، މިނިވަން، އިންސާފުވެރި އިންތިޚާބެއް 2018 ގައި ބޭއްވުމަކީ ކޮންމެހެން މުހިއްމު ކަމެއްކަންވެސް ސީމެގުން ވަނީ ފާހަގަ ކޮށްފައެވެ.
ކޮމަންވެލްތުގެ 9 ޤައުމެއްގެ ފޮރިން މިނިސްޓަރުން ތިއްބަވާ ސީމެގުން ވަނީ ރާއްޖޭގެ ކަންކަން ހައްލުކުރަން ކޮމަންވެލްތުން އެހީވެދޭނެ ކަމުގެ ޔަޤީންކަންވެސް ދީފައެވެ.
މިއީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޖެންޑާ އަށް ރާއްޖެ ލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނާއި މިދިޔަ ރިޔާސީ އިންތިޚާބު ދިގުލައިގެން ގޮސް ރިޔާސީ ދައުރު ހަމަވިއިރު ވެސް ރައީސަކު އިންތިހާބު ނުކުރެވުމުންނެވެ.
ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެ ގްރޫޕުގެ ބައްދަލުވުންތަކުގައި ރާއްޖެއަށް ބައިވެރިއެއް ނުވެވޭނެއެވެ.



