
އެލައިޑުގެ އަންހެން މުވައްޒަފުންނަށްވެސް ވިހެއުމުގެ ޗުއްޓީ 6 މަސްދެނީ
ސަރުކާރުގެ އާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ އެންމެބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށްވެސް ވިހެއުމުގެ ޗުއްޓީ 6 މަސްދިނުމަށް ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ސަރުކާރުގެ އާ ސިޔާސަތާ އެއްގޮތަށް އެ ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ދަރިއަކު ލިބުމުން ދޭ ޗުއްޓީ 6 މަސް ދުވަހަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފިރިހެން މުވައްޒަފަކަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނަންމާފައިވާ ކަމަށެވެ.
ސިވިލް ސަރވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ 6 މަސް ދުވަހަށް އިތުރުކުރިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.
ވިހެއުމުން އަންހެނުންނަށް ލިބޭ ޗުއްޓީ އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދަކަށް ހަދާފައިވާ އިރު، އެ މަނިކުފާނު މިގޮތަށް އިޢުލާން ކުރެއްވުމާއެކު ކުންފުނިތަކުންވެސް އަންނަނީ ވިހެއުމުން ޗުއްޓީ ދޭ މުއްދަތު އިތުުރުކުރަމުންނެވެ.



