ފައިނަލުގެ ފަހު ޖާގައަށް ކިހާދޫ..
ބ. ދޮނަފަނު އިންވިޓޭޝަން ކަޕްގެ ފައިނަލުގެ ފަހު ޖާގަ ކިހާދޫ އިން ހޯދައިފިއެވެ.
އެޓީމުން ފައިނަލުގެ ފަހު ޖާގަ ހޯދީ ސެމީފައިނަލުގެ ފަހު މެޗުގައި މުބާރާތް ބާއްވާ ރަށް ދޮންފަނާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 ން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ކިހާދޫ ޓީމުގެ އިބްރާހީމް އަފްޒަލް ޖެހިނަމަވެސް، ދޮންފަނުގެ މުހައްމަދު ނަބީލް ވަނީ 2 ލަނޑުޖަހާ ލީޑޫ ނަގާފައެވެ. މި ލަނޑުތައް ޖަހާފައިވަނީ 19 އަދި 32 ވަނަ މިނެޓުގައެވެ.
ދެ ވަނަ ހާފުގައި ކިހާދޫ ޓީމުން އިތުރު ހިތްވަރެއްލާ 58 ވަނަ މިނެޓުގައި ޢަލީ ފަރުހާން ޖަހައިދިން ގޯލުން ދެޓީމުގެ ނަތީޖާ އެއްވަރުވިއެވެ. އެހެންނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ދޮންފަނުން ލީޑު ނެގިއެވެ. ދޮންފަނުގެ ގޯލަށްފަހު ކިހާދޫން ނަތީޖާ އެއްވަރުކުރީ 79 ވަނަ މިނެޓުގައި ހުނަރުވެރި ކުޅުންތެރިޔާ ހުސައިން އީމާން ޖަހައިދިން ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ އެއްވަރުވެ، އެއްވެސް ޓީމަކަށް ކުރި ނުލިބުމުން ނަތީޖާ ނެރުމަށް ޖެހިި ޕެނަލްޓީ ޝޫޓްއައުޓުގައި ކިހާދޫ އިންޖެހި 5 ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު، ދޮންފަނު ޓީމުން ޖެހީ 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އަލީ ޝާއިން ޖެހި ޕެނަލްޓީއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ ދޮންފަނު ޓީމުގެ އަޙުމަދު އިފްހާމް އަށެވެ.
ބ. ދޮންފަނުގައި ކުރިއަށްދާ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ދޮންފަނު އިންވިޓޭޝަން ކަޕް” ގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ. މި މެޗުގައި ކިހާދޫ އާއި އޭދަފުއްޓެވެ.