އަމީރު އަހްމަދު މަގުގެ މަރާމާތަށްފަހު ހުޅުވާ އިރު، ޓްރެފިކް ފްލޯއަށް ބަދަލެއް..
އަމީރު އަހްމަދު މަގުގެ މަރާމާތަށް ފަހު ހުޅުވާ އިރު، ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒާއި ޖުމްހޫރީ މާދާނު މެދުގައި އޮންނަ (އިސްލާމީ މަރުކަޒުގެ އުތުރަށް އޮންނަ) މަގު އަލުން ހުޅުވުމަށްފަހު، ޗާންދަނީމަގުގައި ދެކޮޅަށް ދުއްވާ ބައި ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލިލީމަގު އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.
އެހެންކަމުން ލިލީ މަގުގައި (ސީއެޗްއެސްސީ ހުންނަ މަގު) ދުއްވޭނީ ކުރިންވެސް އޮތް ގޮތަށް، ހުޅަނގުން އިރަށް ކަމަށާއި މި ބަދަލާއެކު ދަތުރުކުރެވޭނީ ޗާންދަނީމަގުން ދެކުނަށް ދާއިރު ލިލީމަގަށް ވަދެވޭ ގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ލިލީމަގާއި ޗާންދަނީމަގު ގުޅޭ ހިސާބާއި ލިލީމަގާއި ފަރީދީމަގު ގުޅޭ ހިސާބާ ދެމެދު އޮންނަ ސަރަހައްދަކީވެސް މިހާރު ދެކޮޅަށް ދުއްވޭ ހިސާބެކެވެ.
މީގެ އިތުރުން މެދުޒިޔާރަތްމަގުން އައިސް ވަދެވޭގޮތަށް މިހާރު އޮންނަ، ޝަހީދު ކުޑަ އާދަމްގެ ކުޑަ ތުއްތު ހިނގުމަށް ސީއެޗްއެސްއީ ހުންނަ ލިލީމަގުން އައިސް ޝަހީދު ކުޑަ އާދަމްގެ ކުޑަ ތުއްތު ހިނގުމުން މެދުޒިޔާރަތް މަގަށް ނިކުމެވޭ ގޮތަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބަދަލުގެންނަން ޕްލޭންކޮށްފައިވަނީ ޢާންމުންނަށް އުދަގޫ ނުވާނެ އެންމެ ކުރީގައިވެސް އޮތް ގޮތަށް ކަމަށާއި އެއީ ގިނަ ޢަދަދެއްގެ ސްކޫލުތައް ހުންނަ ސަރައްދެއްކަމުން ސުކޫލް ކުދިންނާ ރައްކާތެރިކަމާއި ސަލާމަތާއި ރައްކާތެރިކަން ވިސްނަން ޖެހޭ ކަމަށެވެ.
އަމީރު އަހްމަދުމަގު ހުޅުވާލާއިރު ޖުމްހޫރީ މައިދާނާވީ ފަޅިން 106 ސައިކަލު ޕާކުކުރެވޭނެ ގޮތަށް ޕްލޭން ކޮށްފައިިވާނެ ކަމަށާއި މާލޭގެ އެކިއެކި ހުސް ތަންތަނުގައިވެސް ޕާކިންގ ޒޯންތައް ހަދާނެ ކަަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މަގު ހަދާ ނިމޭއިރު ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްވެސް އެރޭ ގޮތަށް ޕޭވްމަންޓްތައް ހަދާނެ ކަމަށެވެ.