ޗެމްޕިއަންސް ލީގު: ރެއާލް މެޑްރިޑާއި ރޯމާ ދެ ވަނަ ބުރަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތަށް ރޭ ނިމިފައިވާއިރު، ރެއާލް މެޑްރިޑާއި ރޯމާ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ. ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ރޭ ރެއާލް އަމިއްލަ ދަނޑުގައި ކުޅެ 0-3 އިން ރަޝިއާގެ ސީއެސްކޭ މޮސްކޯއަތުން ބަލިވިނަމަވެސް އެޓީމު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ގްރޫޕް ޖީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ރޯމާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޖީ ގެދެވަނަ ޓީމުގެ ގޮތުގައެވެ.
ގްރޫޕްގެ އެއް ވަނަ ހޯދި ރެއާލް އަށް 12 ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް ރޯމާ ގްރޫޕް ސްޓޭޖް ނިންމާލީ 9 ޕޮއިންޓާއި އެކުގައެވެ. އަދި ތިން ވަނައިގައި އޮތް ވިކްޓޯރިއާ ޕްލަޒެން އާއި އެންމެ ފުލުގައި އޮތް ސީއެސްކޭ މޮސްކޯ ގްރޫޕް ސްޓޭޖް ނިންމާލީ 7 ޕޮއިންޓާ އެކު އެވެ.
ރެއާލްގެ ފަރާތުން ރޭގެ މެޗުގައި ދައް ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ މިނިޓުން ފެށިގެން ވެސް އެޓޭކިން ގޭމެއް ކުޅެމުން ދިޔަ ސީއެސްކޭ މޮސްކޯ މެޗުގެ 37 ވަނަ މިނިޓްގައި ވަނީ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފެޑޯ ޗަލޯފްއެވެ. މެޗުގެ ފުރަތަމަ ފާހް ނިމެން ދަނިކޮށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެނިކޯފްއެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފް ސީއެސްކޭ މޮސްކޯއިން ނިންމާލިއިރު، މެޗުގެ ތިންވަނަ ލަނޑު ޖަހާ ނަތީޖާ އިތުރަށް ފުޅާކުރީ މެޗުގެ 73 ވަނަ މިނެޓުގައި ސިގާޑްސަންއެވެ.
މެޗަށް ފަހު ސީއެސްކޭ މޮސްކޯގެ ކޯޗު ބުނީ މިއީ އޭނާގެ ކުޅުންތެރިން ހުއްޓައިނުލައި އެއް ހިތްވަރެއްގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި މިއީ އެ ޓީމުގެ ސަޕޯޓަރުން ދިން ހިތްވަރާ އަޅާކިޔާއިރު ހައްގު ކާމިޔާބެއް ކަމަށެވެ.