1.8 ޖީ.ބީ.ޕީ.އެސް.ގެ ސްޕީޑާއެކު އުރީދޫ 5ޖީގެ ކުޅަދާނަކަން ދައްކާލައިފި

އެއްދުވަހުން އަނެއް ދުވަހަށް ޑިޖިޓަލް ދާއިރާއިން ކުރިއަރަމުންދާ ދިވެހިރާއްޖޭގައި އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައި.އޯ.ޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައު އުސްމިންތަކަށް ގެނެސްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ އުރީދޫ 5ޖީގެ ކުޅަދާނެކަން، އެކުންފުނިން ދައްކުވައިދީފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީ.ބީ.ޕީ.އެސް.ގެ ހަލުވި ސްޕީޑު އިއްޔެ ދައްކުވައިފާވަނީ، ދިވެހިރާއްޖޭގެ ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު، ހިސް އެކްސެލެންސީ ފައިސަލް ނަސީމް؛ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، ހޮނަރަބަލް މުހައްމަދު މަލީހް ޖަމާލް؛ މިނިސްޓަރ އޮފް ފިނޭންސް، ހޮނަރަބަލް އިބްރާހިމް އަމީރް، މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ހޮނަރަބަލް އަލްްއުސްތާޒް ފައްޔާާޒް އިސްމައިލް؛ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް، ހޮނަރަބަލް އަހްމަދު މަހްލޫފް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ހޮނަރަބަލް ޒަހާ ވަހީދު؛ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ހޮނަރަބަލް ޝިދާތާ ޝަރީފް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އަލްފާލިލް އިލްޔާސް އަހުމަދު އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޙަންގެ އިތުރުން އެތަށް ހާސް ކަސްޓަމަރުންގެ ޚާޒިރުގައި، އުރީދޫ ކަލަރ ރަން ގައިއެވެ.

އިޝްތިހާރު full width ad 1200 x 150

އުތުރު އެފްރިކާއިން ފެށިގެން އަރަބިކަރަޔާއި ދެކުނު އޭޝިއާގައިވެސް، އުރީދޫ އިން ބޮޑެތި ނެޓްވަރކް މޮޑަނައިޒޭޝަން ޕްރޮގްރާމުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތަށް އިތުރަށް ފުރިހަމަކޮށް، 5ޖީ ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކިހިސާބުތަކުގައި ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ކުރީގައި ވާސިލްވެ ތިބުމަށްޓަކައެވެ.

”އަދުގެ ދުނިޔޭގައި، ފަސޭހަކަމާއި އެކު ފޯންކޯލެއް ކޮށްލައިގެން ނުވަތަ އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާއި ގުޅުން ބޭއްވުމަށްވެސް، ބަރޯސާވާންޖެހެނީ ވަޔަލެސް ޑިވައިސް އަކަށް. އުރީދޫ ނެޓްވަރކުގެ އެހީގައި ކަސްޓަމަރުން ކުރަމުންދާ ތަޖުރިބާތަކުގެ ފެންވަރު އަޅުގަނޑުމެން ދަނީ ގާތުން ބަލަމުން. އަދި މި މައުލޫމާތުގެ އަލީގައި ނެޓްވަރކް އަށް ގެންނަންޖެހޭ ތަފާތު ކުރިއެރުންތަށް ގެނެސް، އެންމެ ފުރިހަމަ އަދި ހަލުވި ސްޕީޑުގެ ކަނެކްޝަން އެއް ފޯރުކޮށްދީ، ކަސްޓަމަރުން ކުރަމުންދާ ތަޖުރިބާތަށް އިތުރަށް ރަގަޅު ކުރުމަށްޓަކައި އަބަދުވެސް އަޅުގަނޑުމެން ދަނީ ގަދައަޅާ މަސައްކަތް ކުރަމުން.“ އުރީދޫ ގްރޫޕްގެ ސީ.އީ.އޯ، ޝޭޚް ސައުދު ބިން ނާސިރް އަލް ޘާނީ ވިދާޅުވިއެވެ.

5ޖީގެ އީކޯސިސްޓަމް ބިނާ ކުރުމުގައި އުރީދޫ ގްރޫޕްގެ ކުންފުނިތަކުން ދަނީ އިސްދައުރެއް އަދާކުރަމުންނެވެ. މިގޮތުން، އިންސާނީ ތަރައްޤީ މަގުފަހިކޮށްދޭނެ، އަދި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައި.އޯ.ޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުކޮށްދޭނެ ފަދަ މުހިންމު ނެޓްވަރކް އަޕްގްރޭޑްތަކެއް ގެނައުން، އުރީދޫގެ މި މަސައްކަތުގައި ހިމެނެއެވެ. މި ކުރިއެރުމާއި އެކު، 5ޖީ މެދުވެރިކޮށް ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަރ ކުރުން ފަދަ އީޖާދީ ޚިދުމަތްތަށް ކައިރި މުސްތަޤްބަލެއްގައި ފެނިގެންދާނެއެވެ.

”މުޅި ދުނިޔޭގައިވެސް ފުރަތަމަ 5ޖީ ނެޓްވަރކެއް ލައިވް ކޮށްފައިވަނީ، ގަތަރުގައި، އުރީދޫ އިން. މިކަން ވެގެންދިޔައީ އުރީދޫ އަށް އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދާއިރާ އަށްވެސް ވަރަށް ފާހަގަކުރެވޭ ޓެކްނޮލޮޖިކަލް ލަނޑުދަނޑިއަކަށް. މުޅި ދުނިޔެވެސް، 5ޖީ މެދުވެރިކޮށް އަންނާނެ މުހިއްމު ބަދަލުތަކާއި ކުރިއެރުންތަކަށް ތައްޔާރު ވަމުންދާއިރު، އުރީދޫ އިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށްވެސް ވީހާވެސް އަވަހަކަށް މި އީޖާދީ ޓެކްނޮލޮޖީ ގެނެސްދިނުމަށް.“ އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ. ނަޖީބް ޚާން ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކ ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ. 5ޖީ ނެޓްވަރކަކަށް ތައްޔާރީތަށް ވަމުންދާއިރު، އުރީދޫ މޯލޑިވްސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމްގެ ލައިސަންސް ހޯދާއި، މުޅި އުރީދޫ ގްރޫޕުންވެސް ފުރަތަމަ މި ލައިސަންސް ލިބުން ކުންފުންޏަށް ވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ނެޓްވަރކް ގާއިމް ކުރުމާއި އެކު، ވަޒީފާ، ތައުލީމް، ސިއްހީ އަދި މުނިފޫހިފިލުވުމުގެ ޙިދުމަތްތަށް ކޮންމެ ތަނަކު ހުރެގެންވެސް މަގުފަހިކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ އުރީދޫ އިން ދަނީ، ޓެކްނޮލޮޖީ ދާއިރާއިން ގިނަގުނަ ކުރިއެރުންތަށް ހޯދަމުންނެވެ. މީގެ ތެރޭގައި، ދުނިޔޭގެ ފެންވަރުގައި އެކީ ކާމިޔާބީތަކާއި، އައު އުސްމިންތަށްވެސް ހިމެނެއެވެ. މިގޮތުން، ރާއްޖޭގައި ވެސް އުރީދޫ އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި މުއާސަލާތީ ޚިދުމަތްތަށް ދަމަހައްޓައިގެން، ދިވެހި ރައްޔިތުންނާއި، މުޅި ޤައުމަށްވެސް އައު ކުރިއެރުންތަށް ގެނެސްދިނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.