އުރީދޫ ކަލަރ ރަންގެ އެކްސްޕޯ، މި މަހުގެ 18 އަދި 19 ވަނަ ދުވަހު ނެޝަނަލް އާޓް ގެލަރީގައި.
އުރީދޫ ކަލަރ ރަން 2018ގެ އެކްސްޕޯ މި މަހުގެ 18 އަދި 19 ނޮވެމްބަރ ވާ އާދިއްތަ އާއި ހޯމަ ދުވަހު ނެޝަނަލް އާޓް ގެލަރީގައި އޮންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެއެވެ.
އުރީދޫ ކަލަރ ރަން އެކްސްޕޯ ކުރިއަށްދާނެ ގަޑި ތަކަކީ ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް އަދި ރޭގަނޑު 8.00 ން 10.00 އަށް ކަމަށްވެސް އުރީދޫ އިން ބުންޏެވެ.
ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ.
ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ އަދި ރެޖިސްޓަރ ކުރެއްވިކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެއެވެ. އައިޑީ ކާޑުގެ ބަދަލުގައި އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެއެވެ.
އެކްސްޕޯ ނިމުމަށްފަހު ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލެވޭނެއެވެ. ކިޓުތައް ދޫކުރުމުގެ އިތުރުން އުރީދޫ އާއި ކަލަރ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ، ކޯޗް ޝުޖާއު، އައިރަނަރސް އަދި ބަރިސްޓަރ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ޚާއްޞަ ހަރަކާތްތަކެއް ވަނީ ހަމަޖައްސާފައެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. ތަފާތު ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް އިންތިޒާމް ކޮށްފައެވެ.
އުރީދޫ ކަލަރ ރަން އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް http://ore.do/colorrun އަށް ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.