ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށް އެޗްޕީއޭ އިން ޚާއްޞަ ހަރަކާތްތަކެއް ބާއްވަނީ..
މިއަހަރު ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށް އެޗްޕީއޭ އިން ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން ހަކުރު ބަލީގެ ހިރާސް ތަކަށް އަލި އަޅުވާލައިގެން ހަކުރުބަލީގެ ރަމްޒީ ކުލަކަމުގައިވާ ނޫކުލަޔާ ގުޅުވައިގެން ”ގޯ ބްލޫގެ ނަމުގައި“ ގިނަ ޙަރާކާތްތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.
ދެ ދުވަހަކަށް ބަހާލައިގެން މި ހަރަކާތްތައް ކުރިއަށް ގެންދާ އިރު، މި ދުވަސް އަންނަނީ ރަސްމީ ދުވަހެއްގައި ކަމުން، ދުވަސް ފެށުމުގެ ގޮތުން އޮފީސް މާޙައުލުގައި “ ގޯ ބްލޫ ޗެލެންޖް“ ގެ ނަމުގައި ކަސްރަތު ކުރުމުގެ ހަރާކާތަކާއި ”ހެލްތީ ބްރޭކްފާސްޓް ޗެލެންޖް“ ގެ ގޮތުގައި ހެނދުނުގެ ނާސްތާއެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި އޮފީސްތަކުން ހަރަކާތްތަކުގައި ނަންގަވާ ފޮޓޯ އެޗް.ޕީ.އޭ އަށް ޓެގްކޮށް ސޯޝަލް މީޑިއާގައި ”#beatdiabtes ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރެވޭނެއެވެ.
މިދުވަހުގެ ރަސްމީ ޙަރާކާތްތައް ފެށޭނީ 16 ނޮވެންބަރު ވާ ހުކުރުދުވަހު ހަވީރު 4:00 ން 6:00 ށް ރަސްފަންނު ސަރަޙައްދުގައެވެ.
ރަސްމިއްޔާތުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން ”ބްރީތް ލައިފް“ އިން ބޮޑީ ފްލައިގެ ނަމުގައި ކަސްރަތު ޙަރާކްތަކެއް ކުރިޔަށް ދާނެއެވެ. މިހަރަކާތްތައް ކުރިޔަށްދާއިރު ޒުންބާ، ޕިލޮކްސިންގ އަދި ފްރީ ސްޓައިލްގެ ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވޫޝޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މާޝަލް އާޓްސް ކުރިޔަށް ގެންދާ އިރު، ހަކުރު ބައްޔާ ގުޅޭ ގޮތުން މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުން ބައެއް ޖަމްޢިއްޔާ ޖަމާއަތްތައްވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާނެއެވެ.