ޓީއެފްޖީ ބޮޑުހާފު ނިންމުމުގެ ޝަރަފް ފަންސާހަށްވުރެ ގިނަ ދުވުންތެރިންނަށް…
ޓޯޓަލް ފިޓްނެސް ގްރޫޕުން ހުޅުމާލޭގައި މިއަދު ބޭއްވި ”ޓީއެފްޖީ ބޮޑުހާފު“ ނިންމުމުގެ ޝަރަފް ފަންސާހަށްވުރެ ގިނަ ދުވުންތެރިން ހޯދައިފިއެވެ.
ރާއްޖޭގައި މުޅިން އައު ކޮންސެޕްޓެކަށް ބޭއްވި މި ދުވުމުގައި 90އަށްވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.
ޓީއެފްޖީ އިން އަދި އެހެންވެސް ފަރާތްތަކުން ރާއްޖޭގައި ބާއްވާ ދުވުންތަކާއި ޚިލާފަށް ޓީއެފްޖީ ބޮޑުހާފު ފަރުމާކޮށްފައިވަނީ އެންމެކުރުކޮށްދުވާ ރާސްތާ ފުރަތަމަ ފެށުމަށްފަހު، އެންމެ ދިގުކޮށްދުވާ ދުވުން އެންމެފަހުން ފަށާގޮތަށެވެ. ބޭނުމަކީ އަރައިގެން އަންނަ އިރުގެ ހޫނުން އިތުރު ތަޖުރިބާތަކެއް ކުރެވި، އަމިއްލައަށް ރޭސް މެނޭޖުކޮށްގެން ދުވުމަށް ދުވުންތެރިން ހޭނުވުމެވެ. އަދި ކަނޑައަޅާފައިވާ ވަކި ވަގުތެއްގައި ރޭސް ނިންމުމަށް ދުވުންތެރިން ހޭނުވުމެވެ.
އެގޮތުން ބޮޑުހާފުގެ 5 ކިލޯމީޓަރު ދުވުން ފަތިހު 05:30ގައި ފެށި އިރު، 45 މިނެޓޫގެ ތެރޭގައި މިދުވުން ފުރިހަމަކުރުމަށް ވަނީ ދީފައެވެ. 10 ކިލޯމީޓަރު ދުވުން ހެނދުނު 06:30 ގައި ފެށީ އެ ގިންތީގައި ހިމެނޭ ދުވުން ނިންމުމަށް 1 ގަޑި 30 މިނެޓު ދިނުމަށް ފަހުއެވެ.
މީގެއިތުރުން 21 ކިލޯމީޓަރުގެ ދުވުން ފެށީ ހެނދުނު 08:30 ގައެވެ. މި ގިންތީގެ ދުވުން 3 ގަޑި އިރު ދީފައިވާތީ ރޭސް ނިމޭނެ ގަޑިއަކީ މެންދުރު 11:30 އެވެ. އެހެންކަމުން މިއީ މެންދުރުގެ ހޫނު ގަދަވާ ވަގުތަށްވުމުން މިއީ ދުވުންތެރިންނަށް އެންމެ ޗެލެންޖިންގ ދުވުމެވެ.
މި ހުރިހާ ގިންތިއަކަށްވެސް ދުވުން ނިންމަން ވަކި ވަގުތެއްދީފައިވުމުން ކަނޑައެޅިފައިވާ ވަގުތަށް ބައެއް ދުވުންތެރިންނަށް ނިންމިފައިނުވެއެވެ. ނަމަވެސް އެއީ މަދު ޢަދަދެއްގެ ދުވުންތެރިންނެވެ.
ބޮޑުހާފު ބައްޓަންކޮށްފައިވާގޮތުން ”ބޮޑުހާފު ޓައިޓްލް“ ލިބެނީ ކަނޑައެޅިފައިވާ ވަގުތުގައި މި ހުރިހާ ގިންތިއެއް ފުރިހަމަކުރާ ފަރާތްތަކަށެވެ.
މީގެ އިތުރުން މި ދުވުން ފަރުމާކޮށްފައިވަނީ ކޮންމެ ކެޓަގަރީއެއްވެސް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ފެށުމަށް ކަަމަށްވާތީ ފަށާ ގަޑިއަށް ނާންނަ ފަރާތްތަކަށް އެ ކެޓަގަރީގައި ބައިވެރިނުވެވެއެވެ.