އައްޑުސިޓީ މަރަދޫ އާއި ފޭދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެއްޖެ
އައްޑުސިޓީ މަރަދޫ އާއި ފޭދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ރެއިން ފެށިގެން ކުރަމުންދާ ވިއްސާރާގައި އެސިޓީގެ ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާތީ ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމާއި ފެން ހިއްކުމުގެ މަސައްކަތުގައި އެ އިދާރާއިންނާއި ޢާންމުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފެން ވަނުމުގެ ސަބަބުން ފަރުނީޗަރު ފަދަ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އެހެންނަމަވެސް ގެއްލުމުގެ މާބޮޑު ތަފްޞީލެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.
ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ބަލާއިރު މޫސުން އެންމެ ގޯހީ އެންމެ ދެކުނަށް ކަމަށާއި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.