ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި.
ދިވެހި ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަޤްސަދުގައި ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
2009 ގައި ތަޢާރަފު ކުރި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާތާ މިއީ 10 ވަނަ އަހަރެވެ. މަސައްކަތުގެ އަމަލީ އަދި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހޮވޭ ކުދިންނަށް ހުޅުވާލާފައިވެއެވެ.
މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެއްކެވެ.
މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަކަށް ނޫނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދެއެވެ. މިހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެއެވެ.
އޭލެވެލް ނިންމާފައިވާ އަދި މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ނެތް ކޮންމެ ކުއްޖަކަށްވެސް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލެވިފައިވެއެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި މިއަހަރު ބައިވެރިވުމަށް އެދޭ ކުދިން ދިރާގު ހެޑް އޮފީސް އަދި ދިރާގު ގެ ހުރިހާ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައި 12 ނޮވެމްބަރ 2018 ގެ މެންދުރު ފަހު 2.00 އިން ހަވީރު 5.00 އާއި ދެމެދު ކުރިއަށް ދާ ވޯކް އިން އިންޓަވިއުސްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
މި ޕްރޮގްރާމްގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ސޭލްސް، މާކެޓިންގ، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިރުމަން ރިސޯސަސް،ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯ އެއް ކަނޑައެޅިފައިވާނެއެވެ.
މި ޕްރޮގްރާމްތެރޭގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް ވެސް ހިމެނެއެވެ. މީގެ ތެރޭގައި: އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަންސް ސްކިލސް، އަދި ވަޒީފާ ތަކަށް ކުރިމަތިލާން ފަސޭހަވާނޭ ގޮތަށް، ރަނގަޅު ސީވީއެއް ތައްޔާރުކުރުން، ޖޮބް އިންޓަވިއު ސްކިލްސް ފަދަ ޓްރެއިނިން ހިމެނެއެވެ.