މީދޫ ޖޫނިއަރ ފުޓްބޯލް ޗެލެންޖު މިއަަހަރުވެސް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު) މީދޫގައި އަލްމަރްޙޫމް ސަޢީދު މުޙައްމަދުގެ ހަނދާނުގައި ބާއްވަމުން އަންނަ ޖޫނިއަރ ފުޓްބޯލް ޗެލެންޖު މިއަަހަރުވެސް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮަށް އުޅުއްވާ އަލްމަރްޙޫމް ސަޢީދު މުޙައްމަދުގެ ދަރިފުޅު އަޙްމަދު ސަޢީދު އެޓޯލްނިއުސްއަށް މަޢުލުމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހުގެ 4 ން 10އަށް ކަމަށެވެ. އަދި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، މީދޫ ’ރަތްދަޅަގެ‘ އަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
ކުޅިވަރުގެ ތެރެއިން ރިވެތި އަޚްލާޤާއި އިޖުތިމާޢީ ރޫޙާއި އިސްވެ ހަރަކާތްތެރިވުން ދަސްކޮށްދިނުމާއި ކުޅިވަރުގެ ނަމޫނާ ސިފަތައް އެކުދިންގެ ކިބައިގާ އަށަގަންނުވައި، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތް އަމާޒުކޮށްފައިވަނީ 13 އަހަރުންދަށުގެ ޢުމުރުފުރާއަށެވެ.
އަލްމަރްޙޫމް ސަޢީދު މުޙައްމަދުގެ ޢާއިލާގެ ފަރާތުން ބާއްވާ މި މުބާރާތަށް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ފަރާތްތަކުގެ ދީލަތ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި ޚާއްޞަކޮށް ބެލެނިވެރިންގެ ފަރާތުން ލިބެމުން އަންނަ ދީލަތި އެހީތެރިކަން އުފަލާއެކު ފާހަގަ ކުރާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އަހްމަދު ސަޢީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި މުބާރާތް ބައްޓަން ކުރާނީ އަދި ކުރިން ކޮށްފައިވާނީވެސް ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭ ގޮތަށް“ އަޙްމަދު ސަޢީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު 7639167 އަށް ގުޅުއްވުމުން ސާފުވާނެ ކަމަށެވެ.