އޭޑީކޭއިން ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅެއްގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ނިންމައިފި
އޭޑީކޭ ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅެއްގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ނިންމާ، އެ ކޭމްޕު ބާއްވާނީ އައްޑޫސިޓީގައިކަމަށް ބުނެފިއެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ މި ކޭމްޕް އޮންނާނީ މި އޮކްޓޯބަރ މަހުގެ 13 އާއި 14 ގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ކަމަށެވެ. އަދި މި ކޭމްޕުގައި ހިލޭ ޓެސްޓްތައް ހެދޭނެ ކަމަށާއި މެޔާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދޭނެ ކަމަށެވެ.
މި މެޑިކަލް ކޭމްޕްގައި އޭޑީކޭ ހޮސްޕިޓަލުގެ ތިން ޑޮކްޓަރަކު ބައިވެރިވެވަޑައިގަންނަވާ އިރު، ކޭމްޕުން ފަރުވާ ހޯދަން ބޭނުންވާ މީހުން ނަންނޯޓު ކުރުމުގެ ޚިދުމަތް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޭމްޕުގައި ވީހާވެސް ގިނަ ބަޔަކަށް ޚިދުމަތް ދިނުމަށް އަމާޒު ހިފާފައިވާ އިރު، މި ފަހަރު ކޭމްޕް ޚާއްޞަކޮށްފައިވަނީ ހިތާއި މޭގެ ބަލިތައް ހުންނަ މީހުންނަށެވެ.
މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ މިއީ އައްޑޫސިޓީގައި ތިބި މިފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި ވީހާވެސް ގިނަ މީހުން މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދޭ ކަމަށެވެ.
މުސްތަޤުބަލުގައި މިފަދަ އިތުރު އެހެން ބަލިތަކަށް ޚާއްޞަ މެޑިކަލް ކޭމްޕްތައްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެންމެ ބޮޑު އެއް ބޭނުމަކީ އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް ފުޅާ ވަމުން އަންނާތީ، އެކިއެކި ބަލިތަކަށް މިހާރު ރަނގަޅަށް ފަރުވާ ކުރެވެން ހުރިކަން ރައްޔިތުންނަށް އަންގައި ދިނުން ކަމަށްވެސް އަފްޢާލް ވިދާޅުވިއެވެ.