ފެންވަރުު ރަނގަޅުު ތަޢުލީމެއް ފޯރުކޮށްދިނުމަށް ފެންވަރު ރަނގަޅު ޓީޗަރުން ވަރަށް މުހިންމު: މިނިސްޓަރ
ފެންވަރުު ރަނގަޅުު ތަޢުލީމެއް ފޯރުކޮށްދިނުމަށް ފެންވަރު ރަނގަޅު ޓީޗަރުން ވަރަށް މުހިންމުކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެ މެސެޖުގައި ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ފެންވަރު ރަނގަޅު ޓީޗަރަކަށްވުމަށް ފުރިހަމަކުރަންޖެހޭ ތަމްރީނުތަކުގެ އިތުރުން ޓީޗަރަކީ އޯގާތެރި، ދަރިވަރަށް ތަރުބަވީ ތަޢުލީމެއް ފޯރުކޮށްދިނުމަށް ބޭނުންވާނޭ ހުނަރު ދަސްކޮށްގެންހުރި ޓީޗަރަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ފައިދާވެސް ދަރިވަރުންނަށް ކުރަމުންދާކަން އުފަލާއެކު ފާހަގަ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ސްކޫލްތަކުން ކުރައްވާ މަސައްކަތުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ މަސައްކަތް އުފަލާއެކު ފާހަަގަކުރައްވާ ކަމަށާއި ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ސްކޫލްތަކުން ކުރިއަށްގެންދާ ޕްރޮގްރާމުތައް ހިންގެވުމުގައި ސްކޫލްތަކުގެ އިސް ވެރިންނާއި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތްވެސް އުފަލާއެކު ފާހަގަ ކުރައްވާ ކަމަށެވެ.
ހަމަމިއާއެކު ދަރިވަރުންގެ ކުރިއެރުމާއި ތަރައްޤީއަށް ކުރާ މަސައްކަތުގައި ބެލެނިވެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ހުރިހާ ބެލެނިވެރިންނަށްވެސް ޝުކުރު އަދާކުރައްވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރޑރ. ޢައިޝަތު ޝިހާމްގެ މެސެޖުގައިވަނީ ވިދާޅުވެފައެވެ.